މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ނޫސްވެރިންގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
އެ ބިލުގައި ހުރި މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަދި އެ ބިލް މަޖިލީހުން ބޭރުކޮށްލަން އެދި ހުށަހެޅި އެ ޕެޓިޝަނުގައި 40 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ސޮއިކޮށްފައިވެއެވެ.
ނޫސްވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ބުނީ، އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތަށް މީޑިއާގެ ރެގިއުލޭޓްރީ ނިޒާމު އިންތިޒާމުވުމަކީ ރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައި، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ދާނެ ކަމެއް ކަމަށާއި އެ ބިލު ފަރުމާކޮށްފައިވަނީ ނޫސްވެރިންނާއި އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި އެއްވެސް މިންވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
ޕެޓިޝަންގައި ބުނީ ބިލު ފަރުމާކުރީ ބޭރުގެ ބޭރުގެ ބައެއް ގައުމުތަކުގެ ބްރޯޑްކާސްޓިން ގާނޫނުތަކެއް ނަމޫނާއަކަށް ބަލައިގެން ކަމަށްވާތީ، ނޫސްވެރިކަމުގެ ދާއިރާގެ އަސާސީ ހައްގުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށާއި ބިލު ޑްރާފްޓްކުރުމުގައި ނަމޫނާއަކަށް ނެގި ގައުމުތަކުގައި ވެސް ނޫސްވެރިކަމުގެ ދާއިރާ ބެލެހެއްޓުމަށް ސެލްފް ރެގިއުލޭޓަރީ ބޮޑީތައް އޮންނަ ކަމަށެވެ.
ޕެޓިޝަނުގައި ބުނީ ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ ޒިންމާ އިންތިހާއަށް ހަނިކޮށް، ވަކި ބަޔަކަށް ނޫސްވެރިންގެ މަސައްކަތްތަކަށް ބާރު ފޯރުވެވޭ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުޖެހި މައުލޫމާތުތައް އާންމުންނާ ހަމައަށް ގެނެސް ދިނުމަށް ނޫސްވެރިންނަަށް ދަތިވެ، ނޫސްވެރިކަން ކުރުމަށް އުނދަގޫ މާހައުލެއް އުފެދޭނެ ކަމަށެވެ.
އެގޮތުން، އެ ބިލުގެ ދަށުން އަލަށް އުފައްދާ ކޮމިޝަނުން މައްސަލަ ބަލަމުންދާއިރު ވަގުތީގޮތުން ލައިސަންސް ހިފެެހެއްޓުމުގެ ބާރު ދީފައި އޮތުމުގެ ސަބަބުން މީޑިއާތަކަށް ޓާގެޓްކޮށް ވަކި މުއްދަތެއް ނެތް ގޮތަށް މީޑިއާ އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމުގެ ފުރުސަތު ވެސް އެ ބިލުން ނޫސްވެރިންނަށް ހަނިވާނެ ކަމަށް ޕެޓިޝަންގައިވެއެވެ.
ޕެޓިޝަންގައި ބުނީ، ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު ހިންގާނެ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލު ކުރުމަކީ މީޑިއާގެ މިނިވަންކަން ގެއްލޭނެ ކަމެއް ކަމަށާއި އެ ކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ އިތުރުން އެ ހައްގުތަކާއި ގުޅިފައިވާ އެތައް މަދަނީ އަދި ސިޔާސީ ހައްގަކަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށެވެ.
ޕެޓިޝަން ނިންމާލަމުން ވަނީ އެ ބިލް މަޖިލީހުން ބޭރުކޮށްލުމަށެވެ.
އެ ބިލުގެ ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރަމުން ދާއިރު، އެ ބިލަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން ނޫސްވެރިންގެ ހިޔާލު ހޯދަން އެ ކޮމެޓީއާށް ހާޒިރުކުރުމުން ނޫސްވެރިން ވަނީ އެއް އަޑަކުން އެ ބިލް ބޭރުކުރަން ގޮވާލައިފައެވެ.
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ