ވެމްކޯގެ މެނޭޖަރުކަމުން ވަކިކުރި މީހަކަށް މުސާރަ އާއި އިނާޔަތްތަކާއެކު އަލުން ވަޒީފާދޭން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ އިސްމާއީލް މުހައްމަދު ސަލީމް، ގ ކޮލަމާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސެންޓްރަލް އޮޕަރޭޝަން ތިލަފުށީގެ އެސިސްޓެންޓް މެނޭޖަރެއްގެ މަގާމު އަދާކުރަމުން ދަނިކޮށް، 22 އޮކްޓޫބަރު 2024 ގައި ކުއްލި ގޮތަކަށް ޖޮބް ރޮޓޭޝަންގެ ދަށުން ކަމަށް ބުނެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ހިންމަފުށި ޕްރޮޖެކްޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމަށް ބަދަލުކުރުމަށްފަހ،ު ޑިސިޕްލިނަރީ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން 23 އޮކްޓޫބަރު 2024 ވަނަ ދުވަހުން ފެށިގެން، 14 ދުވަހަށް ވަޒީފާއަށް ނުނުކުމެވޭ ގޮތަށް ސަސްޕެންޑްކުރުމަށްފަހު، ހަތަރެއް ނޮވެންބަރު 2024 ވަނަ ދުވަހު ވަކި ސަބަބެއް އެންގުމެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ހުށަހެޅި މައްސަލައެެކެވެ.

އެ މައްސަލައިގައި ދެފަރާތުން ހުށަހެޅި ހެކިތަކަށް ބެލުމަށްފަހު، ޓްރައިބިއުނަލުން ނިންމާފައިވަނީ އިސްމާއީލް މުހައްމަދު ސަލީމް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމު ކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށްވާތީ، އޭނާ އަދާކުރަމުންދިޔަ "އެސިސްޓެންޓް މެނޭޖަރު / ސެންޓްރަލް އޮޕަރޭޝަންސ،ް ތިލަފުށި ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ" މަގާމަށް ރުޖޫއަކުރުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށް ވެމްކޯގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އަދި މިދިޔަ ރަމަލާން މަހުގެ އިނާޔަތް ހިމެނޭހެން، އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ ރުޖޫއަ ދުވަހާ ހަމައަށް އޭނާއަށް ހައްގުވާނެ މުސާރަ އާއި އަިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅާ ކަމަށްވެސް ނިންމުމުގައިވެއެވެ.

ނަމަވެސް އޭނާއަށް ނުޙައްގު މަންފާއެއް ލިބުމުގެ ފުރުސަތު ނަފީކުރުމަށްޓަކައި އެ ފައިސާގެ ތެރެއިން ނޯޓިސް ފައިސާގެ ގޮތުގައި ލިބުނު 40,000 ރުފިޔާ އުނިކުރުމަށްވެސް ނިންމުމުގައިވެއެވެ. އޭގެ އިތުރުން ގާނޫނީ ހިދުމަތް ހޯދުމަށް އޭނާ ހަރަދުކުރި 15،000 ރުފިޔާ ދޭންޖެހޭނެ ކަަމަށްވެސް ކަނޑައަޅާފައިވެއެވެ.

އެ ހުރިހާ ކަމެއް 30 ދުވަހުގައި ތަންފީޒުކޮށް، އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ހުށަހެޅުމަށްވެސް ވެމްކޯގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.