ހެޔޮއެދޭ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ބައެއްް މެންބަރުންނަށް އަހަރު ދުވަހުގެ ތެރޭގައި އެތައް ލައްކަ ރުފިޔާއިން އެހީތެރިވެދީފައިވާ ކަމަށް މާލީ ބަޔާންތަކުން ދައްކައިފިއެވެ.

މަޖިލީހުން އާއްމުކޮށްފައިވާ މެންބަރުންގެ މާލީބަޔާނަށް ބަލާއިރު، އެޕާޓްމަންޓާއި ރޯހައުސް ގަތުމަށް އަދި ކްރެޑިޓްކާޑުގެ ފައިސާ ދައްކަން ހެޔޮއެދޭ މީހުން އެހީތެރިވެފައިވާ ކަމަށް އެ މެންބަރުން ވަނީ ހިމަނައިފައެވެ.

ބައެއް މެންބަރުންނަށް، މެންބަރުކަމުގެ މުސާރަ ނުހިމަނައި، ބޮޑު އާމްދަނީއެއް ލިބިފައިވާކަންވެސް މާލީ ބަޔާންތަކުން ހާމަވެއެވެ. އެގޮތުން ގެ އާއި އެޕާޓްމަންޓް ކުއްޔަށްދީގެންނާއި ބައެއް އަމިއްލަ ވިޔަފާރީން ފަސް މިލިޔަނާ ހަމައަށް އާމްދަނީ ލިބިފައިވާ ކަމަށް ވެސް ބަޔާންތަކުން ދައްކައެވެ.

ނަމަވެސް ބައެއް މެންބަރުންގެ ބޭކް އެކައުންޓްތަކަށް ބަލާއިރު، ލިބިފައިވާ އާމްދަނީއާ އެކަށީގެންވާ އަދަދަށް އެކައުންޓްތަކުގައި ފައިސާ ނެތްކަން ފާހަގަ ކޮށްލެވެއެވެ.

ބައެއް މެންބަރުންގެ އެކައުންޓްގައި 500 ރުފިޔާއަށްވުރެ މަދުން ފައިސާ ހިމެނޭ އިރު، ބައެއް މެންބަރުންގެ އެކައުންޓްގައި އެންމެ ފައިސާ އެއް ވެސް ނެތެވެ.

މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ ފިރިން އަދި 18 އަހަރު ނުފުރޭ ދަރީންވެސް ހިމެނޭ ގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރީން މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މަޖިލިސް ވެބްސައިޓުން ދައްކާގޮތުގައި، 93 މެންބަރުން ހިމެނޭ މަޖިލީހުގެ ފަސް މެންބަރުން ފިޔަވައި ހުރިހާ މެންބަރުންގެ މާލީ ބަޔާން މިއަދު 11:45 އާ ހަމައަށް ވަނީ އަޕްލޯޑް ކޮށްފައެވެ.

މަޖިލީހުން މިއަދު ބުނީ ޝާއިއުކޮށްފައިވަނީ މިހާތަނަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ކަމަށެވެ. އެގޮތުން މާލީ ބަޔާން ހުށަހަޅާފައިވަނީ 88 މެންބަރުންނެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނާ މެދު ފިޔަވަޅުތަކެއް އަޅަން ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އެ މެންބަރެއްގެ ނަން މަޖިލީހުގެ ޖަލްސާގައި އިއްވުމާއި އެއަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރި ވެވޭނީ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމަށްފަހުގައި ކަމަށް ހިމަނާފައިވެއެވެ. އެ ފިޔަވަޅާއެކު މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުން ދާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.