އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް 25 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 25.3 ބިލިއަން ރުފިޔާއެވެ.

އެއީ، މިދިޔަ އަހަރުގެ އެ މުދަތުގައި ލިބުނު 24 ބިލިއަން ރުފިޔާއަށް ވުރެ 5.1 ޕަސެންޓް އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސް އިންނެވެ. އެގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ޓެކްސް އިން އެކަނިވެސް 19.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޖުމްލަ އާމްދަނީގެ 78 ޕަސަންޓެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތަށް ލިބުނީ 5.3 ބިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި 203 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާ އިރު، 15.6 ޕަސަންޓު ކުޑަވެފައެވެ.

ހަރަދަށް ވުރެ އާމްދަނީ އިތުރުކޮށްގެން، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ މިދިޔަ ހަފުތާގެ ނިޔަލަށް 534.6 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ދެމެހެއްޓިފައެވެ.