ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަތް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އާބެހޭގޮތުން ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު، މޯލްޑިވްސް ޖާނަލިސްޓް އެއޯސިއޭޝަން (އެމްޖޭއޭ) އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަށް ދޭން ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މީޑިއާ ބިލަކީ އަމިއްލަ ހައިސިއްޔަތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

އެ ބިލް އަނބުރާ ގެންދިއުމަށް މީޑިއާތަކާއި މީޑިއާއާ ގުޅުންހުރި ފަރާތްތަކުން ގޮވާލުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި މިނިސްޓަރުންނާއި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ ބިލު ދިފާއުކޮށް ވާހަކަ ދައްކަވައިފައެވެ.

ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މިހާރު ފޮނުވާފައިވަނީ، މިނިވަން މުއައްސަސާތަކުގެ ކިމިޓީގައެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޮމިޝަންގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވީ، ބިލް ދިރާސާކުރަމުން ގެންދާ އިރު، ބިލުގައި ހުރި ކަންބޮޑުވުންތައް ކޮމިޓީއާ ހިއްސާކުރުމުގެ ފުރުސަތަކަށް އެދި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި އެމްޖޭއޭއިން ކޮމިޓީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން އެ ފުރުސަތު އެފަރާތްތަކަށް ދޭން ފެނޭތޯ، ކޮމިޓީގެ ހިޔާލަށް މުގައްރިރު ހުޅުވައިލެއްވިއެވެ.

އެ ފުރުސަތުގައި، ބިލާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ކޮމިޓީއަށް ދިނުމަށް ފާސްކުރަން ކޮމިޓީއަށް ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

ތާއީދު ކުރެއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އެގޮތަށް ކޮމިޓީން ފާސްކުރިއެވެ.

އެހެންކަމުން އަންނަ އަންގާރަ ދުވަހު އެފަރާތްތަަކަށް ފުރުސަތުދޭން ކޮމިޓީން ވަނީ ނިންމައިފައެވެ.

މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފައެވެ.

އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެއެވެ.

މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:

  • ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވުން.
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
  • މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
  • ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
  • މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން