ފުލުހުންނަކީ ވަކި ފަރާތަކަށް ނުޖެހި އިހުލާސްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

ސާޅީސް ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަވީން ވިދާޅުވީ، ފުލުހުންނަކީ އަބަދުވެސް ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

ނަވީން ވިދާޅުވީ ފުލުހުންނަކީ، ރައްޔިތުންގެ އިހުތިރާމު ހޯދުމަށް އަބަދުވެސް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށާއި ފުލުހުން މަސައްކަތްކުރަން ޖެހޭނީ އިންސާފުވެރިކަމާއެކުގައި ކަމަށެވެ.

"ތިޔަ ފުލުހުންގެ މަސައްކަތްތަކުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޕްރޮޕެޝަނަލްކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި އަދި އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް ރައްޔިތުން އިހުތިރާމުކުރާ ބަޔަކަށް ވާންޖެހޭނެ،" ސީޕީ ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ، ފުލުހުންގެ ޔުނީފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން ކަމަށާއި އެއީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމަށެވެ.

"މި ނިޝާނަށް އަބަދުވެސް އިހުލާސްތެރިވާން ޖެހޭނެ. އަދި އަބަދުވެސް މިކަން ހަނދާންކުރަންވާނެ." ސީޕީ ވިދާޅުވިއެވެ.

ނަވީން އިތުރަށް ވިދާޅުވީ، ފުލުހުންނަކީ މުޖުތަމައުގެ ބަދަލުވެރިން ކަމަށާއި ގަޑިއަށް ބޯލެނބުމަކީ ދިވެހި ފުލުހުންގެ ހުންނަންޖެހޭ ވަރަށް މުހިންމު ސިފައެއް ކަމަށެވެ.