ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރުމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި މުއައްސިސުންގެ ތެރެއިން އެންމެ އިސް މުއައްސިސު ކޮލިގޭ މުހައްމަދު އުމަރު މަނިކު ވަނީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި 30 އޮގަސްޓް 2025 ގައި އަވަހާރަވެފައެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ ދެއަހަރު ފަހުން 1947 ގައި އުފަންވެވަޑައިގެންނެވި މުހައްމަދު އުމަރު މަނިކު އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 78 އަހަރެވެ. ކުރީގެ އިރުމަތީ ޕާކިސްތާނު، ފަހުން ބަންގްލަދޭޝްގައި ސަރުކާރުގެ ޚަރަދުގައި ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ މުހައްމަދު އުމަރު މަނިކު ދިވެހީންގެ ތެރޭގައި ބޮޑަށް މަޝްހޫރު ވެފައިވަނީ އެމް.ޔޫ މަނިކުގެ ނަންފުޅުންނެވެ. އެމް.ޔޫ މަނިކުގެ މާނަޔަކީ މުހައްމަދު އުމަރު މަނިކެވެ. އެމަނިކުފާނު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އަނބިކަނބަލަކީ ދައްޕަރު މޫސާ މަނިކުގެ ދަރިކަނބަލުން ނަސީމާ މޫސާއެވެ.
އެމް.ޔޫ މަނިކުގެ އާއިލާ
ނަސީމާއަކީ އެމް.ޔޫ މަނިކުގެ ދެވަނަ އަނބިކަނބަލުންނެވެ. އެންމެ ފުރަތަމަ ކައިވެނިފުޅަކީ ކަރަންކާ އިބްރާހިމް ރަޝީދުގެ އައިޝަތު ރަޝީދާޔާ ކުރެެއްވި ކައިވެނިފުޅެވެ. އެކައިވެނިފުޅުން ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. ބޭފުޅުން ލިބިވަޑައިގެންނެވީ ނަސީމާ މޫސާގެ ބަނޑުފުޅުންނެވެ. ފުރަތަމަ ދަރިކަލުންނަށް ނަންދެއްވީ އެމް.ޔޫ މަނިކުގެ ބައްޕާފުޅު ކޮލިގޭ އުމަރު މަނިކުގެ ނަންފުޅުންނެވެ. އުމަރު މުހައްމަދު މަނިކެވެ. ދަރިކަނބަލުންނަށް ނަންދެއްވީ ދައްތާފުޅު ފާތިމަތު ނާސިރާގެ ނަންފުޅުންނެވެ. ފާތިމަތު މުހައްމަދު އުމަރު މަނިކެވެ. ކޮލިގޭ އުމަރު މަނިކަކީ އޭނާގެ ޒަމާނުގައި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާއެވެ. ބޮޑު ހަނގުރާމައިގެ ތެރޭގައި ދިވެހިރާއްޖެއަށް ކުރިމަތިވި ތަދުމަޑުކަމުން އަރައިގަތުމަށް ދައުލަތުން އުފެއްދެވި ބޮޑު އިސްޓޯރުގެ މެނޭޖަރަކީވެސް އުމަރު މަނިކެވެ. އެމް.ޔޫ މަނިކަކީ ކޮލިގޭ އުމަރު މަނިކާއި މައިޒާންދޮށުގޭ އާމިނަތު ހުސައިންކަލޭފާނަށް ލިބިވަޑައިގެންނެވި ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންގެ ތެރެއިން ހަތަރުވަނަ ބޭފުޅާއެވެ.
އެއްބަނޑު އެއްބަފައި ބޭފުޅުން
ކޮލިގޭ އުމަރު މަނިކުގެ އެންމެ ދޮށީ ބޭފުޅަކީ ފާތިމަތު ނާސިރާއެވެ. އަބްދުލް މަޖީދު މާހިރާ ކުރެއްވި ކައިވެނިފުޅުން އެކަމަނާއަށް ލިބިވަޑައިގެންނެވީ މުހައްމަދު މާހިރުދީދީ އާއި އަހުމަދު މާހިރުދީދީއެވެ. އަލްއަމީރު މުހައްމަދު ނޫރައްދީނާ ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި އަލީ ނޫރައްދީނާއި އިސްމާއީލް ނޫރައްދީނާއި މަރިޔަމް ނޫރައްދީނު ހިމެނިވަޑައިގަންނަވައެވެ. އުމަރު މަނިކުގެ ދެވަނަ ބޭފުޅަކީ އަލީ އުމަރު މަނިކެވެ. އެއީ ރައީސް ނާސިރުގެ ދައުރުގައި ނާއިބުރައީސްކަން ކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ވިޔަފާރިއަށް އިންގިލާބީ ބަދަލުތައް ގެންނެވި ވިޔަފާރިވެރިއެކެވެ. ރާއްޖޭގެ ޝިޕިންގެ ބާނީއެވެ. ކޮލި އަލީ އުމަރު މަނިކުގެ އަނބިކަނބަލަކީ މަޝްހޫރު ކަކާގޭ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ހަފްސާ ހިލްމީއެވެ. ލިބިވަޑައިގެންނެވި އެއްބޭފުޅަކީ ޑރ.މުހައްމަދު އަލީއެވެ. ކޮލި އުމަރު މަނިކުގެ ތިންވަނަ ބޭފުޅަކީ އައިޝަތު ނާސިރާއެވެ.
އައިޝަތު ނާސިރާއަކީ އެންދެރިމާގޭ އިލްޔާސް އިބްރާހީމްގެ ކުރީގެ އަނބިކަނބަލުންނެވެ. ބޭފުޅަކު ނެތެވެ. ފަސްވަނަ ބޭފުޅަކީ ޑރ. އިބްރާހިމް އުމަރު މަނިކެވެ. ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. އޭނާ ކިޔަވައި ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި އިރުމަތީ ޖަރުމަނީގައެވެ. އަނބިކަނބަލަކީ ޖަރުމަނީގެ ބޭފުޅެކެވެ. މިހާރުގެ މަޝްހޫރު ވިޔަފާރިވެރިޔާ ސަންޖޭ މަނިކަކީ އޭނާގެ ދަރިކަލެކެވެ. ހަވަނަ ބޭފުޅަކީ އަހުމަދު އުމަރު މަނިކެވެ. މީގެތެރެއިން އެންމެ ހަގު އަހުމަދު އުމަރު މަނިކު ފިޔަވައި އެހެން ހުރިހާ ބޭފުޅުން މިހާރު ވަނީ އަވަހާރަވެފައެވެ. އަހުމަދު މަނިކަކީ ޔުނިވަރސަލް ކުންފުނީގެ އެމްޑީއެވެ. ކ.ދ އަހުމަދު މަނިކުގެ ފަރުހާނާޔާއި ކުރެއްވި ކައިވެނިފުޅުން އަހުމަދު އުމަރު މަނިކަށް ލިބިވަޑައިގެންނެވި ދަރިކަނބަލަކީ ސަބީނާ އަހުމަދު މަނިކެވެ. އަލީ އުމަރު މަނިކާއި ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވެފައިވަނީ އެމް.ޔޫ މަނިކުވެސް ފަދައިން ސިންގަޕޫރުގައެވެ. މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. ތިން ބެއިންވެސް އެއްތަނެއްގައެވެ.
ކޮލިގޭ އާއިލާގެ ފެށުން
އެމް.ޔޫ މަނިކު އެއާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ކޮލިގޭ އާއިލާގެ ފަހުގެ ބާނީއަކީ މާޅޮސްމަޑުލު ކުޑަރިކިލު ހަސަންހާޖީ އެވެ. އެއީ އެމް.ޔޫ މަނިކުގެ ކާފާފުޅެވެ. ހަސަންހާޖީގެ ދަރިކަލުން އުމަރު މަނިކު ކައިވެނި ކުރެއްވީ މާލޭ ފުރަހަނި އާއިލާގެ ބޭފުޅަކާއެވެ. އެހެންކަމުން އެމް.ޔޫ މަނިކު ވަނީ ކުޑަރިކިއްޔާއި ފުރަހަނި އާއިލާއާ ގުޅިވަޑައިގެންފައެވެ. އާއިލާގެ ވިޔަފާރި އައު އުސްމިނަކަށް ގެންދެވުމުގައި އުމަރުމަނިކު އެހީތެރިކަން ހޯއްދެވި އެއްބޭފުޅަކީ ކުރީގެ މަޝްހޫރު މަހުޖަނު ގުޅީ އީސާކަލޭފާނެވެ. އެއީ އުމަރުމަނިކުގެ ޅިޔަނެކެވެ. އުމަރު މަނިކުގެ އެންމެހައި ބޭފުޅުންގެ މަންމާފުޅަކީ މައިޒާންދޮށުގޭ އާމިނަތު ހުސައިންކަލޭފާނެވެ. އެއީ މާލެއަތޮޅު ތުލުސްދޫ އާދަންކަލޭފާނުގެ ހުސައިންކަލޭފާނުގެ އާމިނަތެވެ. ދިވެހި ތާރީޚާބެހޭ މަޝްހޫރު އިލްމުވެރިޔާ މަރުހޫމް ކޮލި ހަސަން އަހުމަދު މަނިކަކީ ކޮލިގޭ އުމަރު މަނިކާ އެއްބަނޑު އެއްބަފައި ކޮލިގޭ އަހުމަދު މަނިކުގެ ދަރިކަލެކެވެ. އެހެންވީމާ އެއީ އެމް.ޔޫ މަނިކުގެ ދެބެއިންގެދަރި ބޭފުޅެކެވެ.
ފަތުރުވެރިކަމުގެ އެންމެ އިސް މުއައްސިސް
އެމް.ޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މުއައްސިސް ކަމަށް ނިންމަންޖެހޭ ތިން ސަބަބެއް އެބައޮތެވެ. ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް އެޖެންސީއަކީ ކެރަފާ އަހުމަދު ނަސީމާ ގުޅިވަޑައިގެން އެމް.ޔޫ މަނިކު 1971 ގައި އުފެއްދެވި މިއުމަން އެޖެންސީއެވެ. މިއުމަން އެޖެންސީގެ ނަން ނިސްބަތްވަނީ މި ދެބޭފުޅުންނަށެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓު ކަމަށްވާ ކުރުނބާ ވިލެޖު މާލެއަތޮޅު ވިހަމަނާފުށީގައި ތަރައްގީކޮށް 1972 ވަނަ އަހަރު ހުޅުވީ މި އެޖެންސީގެ ފަރާތުންނެވެ. ވިހަމަނާފުށްޓަކީ އެމް.ޔޫ މަނިކުގެ އޭރުގެ އަނބިކަނބަލުން އައިޝަތު ރަޝީދުގެ ބައްޕާފުޅު ކަރަންކާ އިބްރާހިމް ރަޝީދަށް އޮތް ރަށެކެވެ. އެންމެ ތިރީސް ކޮޓަރި ހިމެނިގެން ހުޅުވުނު ކުރުނބާ ވިލެޖު އޭގެ އަހަރުތަކެއް ފަހުން ކުރުނބާ މޯލްޑިވްސްގެ ނަމުގައި ރާއްޖޭގެ އެއްވަނަ ލަގްޒަރީ ރިސޯޓުގެ ގޮތުގައި ތަރައްގީކޮށް ރިބްރޭންޑްކޮށް 2003ގައި ގައި ހުޅުވުމުގެ މޭސްތިރިއަކީވެސް އެމް.ޔޫ މަނިކެވެ. ރާއްޖެއަށް ފަތުރުވެރިން އައުމުގެ ހަމައެކަނި މަގަކީ ސްރީލަންކާ ކަމުގައި އޮތްއޮތުމާއި ރާއްޖެއަށް އެމަގުން ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް ސްރީލަންކާގެ ޓްރަވެލް އެޖެންޓުންނަށް ފަސް ޑޮލަރުގެ ކޮމިޝަން ދިނުން ހުއްޓުވައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިނިވަން ކުރެއްވުމުގެ މޭސްތިރިޔަކީވެސް އެމް.ޔޫ މަނިކެވެ.
ސިނާއަތު މިނިވަން ކުރެއްވުން
ޖަރުމަނީގެ އެއަރލައިނެއް ކަމަށްވާ ކޮންޑޯގެ ޗާޓަރު ދަތުރުތައް ޖާމަނީގެ ފްރެންކްފަޓާއި މާލެއާ ދެމެދު 1981 ގައި ފެށުމަކީ އެމް.ޔޫ މަނިކުގެ މަސައްކަތެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު މިނިވަންވުމެވެ. ޖަރުމަންވިލާތާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ފެށުނީ އެމް.ޔޫ މަނިކު އެކުންފުންޏެއްގެ ޗެއަރމަންކަން ކުރައްވާ ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ޓްރަވެލް ޑިޕާޓްމަންޓުގެ އެޖެންޓް ކަމުގެ ދަށުންނެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ 1992 ވަނަ އަހަރު ވުޖޫދުކުރުމުގެ އެއްބާނީއަކީވެސް އެމް.ޔޫ މަނިކެވެ. މިދެންނެވި ކަންކަމަށް ރިއާޔަތްކުރާއިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ފުޅާކުރުމުގައި އެމް.ޔޫ މަނިކުގެ ހިއްސާއަށްވުރެ ބޮޑު ހިއްސާއެއް އެހެން އެއްވެސް ފަރާތަކަށް ލިބިގެންވާ ކަމަށް ނުދެންނެވޭނެއެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުއައްސިސުންގެ ތެރެއިން އެންމެ އިސް މުއައްސިސަކީ އެމް.ޔޫ މަނިކު ކަމަށް މިދެންނެވީ އެގޮތުންނެވެ.
ދަނޑުވެރިކަމާއި އެމް.ޔޫ މަނިކު
ދިވެހިރާއްޖޭގެ ގިނަބަޔަކަށް އެމް.ޔޫ މަނިކު ދަސްވެ އެނގިފައިވަނީ ފަތުރުވެރިކަމުގެ ބާނީއެއްގެ ގޮތުގައި ކަމަށްވިޔަސް ސަރުކާރުގެ ވަޒީފާގައި ހުންނަވައިގެން ގައުމަށް ކުރެއްވި ޚިދުމަތުގެ މައްޗަށް ބަލައިލުމަކީ އެމަނިކުފާނާމެދު ލިޔެވޭ ލިޔުމެއްގައި ބަލާލަން ޖެހޭނެ ކަމެކެވެ. ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 5 ޖޫން 1971 ގައެވެ. އެންމެ ފުރަތަމަ އެގްރިކަލްޗަރު އޮފިސަރުކަމުގެ މަގާމެވެ. ދެން އެވުޒާރާގެ ވަކީލުކަމާއި ވަޒީރުގެ ނާއިބުކަމެވެ. ވަޒީރަކު ނުހުންނަވާއިރު ވުޒާރާ ހިންގެވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލެވިއެވެ. އެވުޒާރާގައި 19 އަހަރު ހޭދަކުރެއްވުމަށްފަހު ސަރުކާރުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވީ 31 ޑިސެމްބަރު 1990 ގައެވެ. އޭގެފަހުން ވަގުތު ހޭދަކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި އެދާއިރާއާ ގުޅުންހުރި ކަންކަމުގައެވެ.
ސިޔާސީ ކަންކަމާ ނުބެހުން
އެމް.ޔޫ މަނިކަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ކަމަށްވިޔަސް، އަދި ކޮލިގޭ އާއިލާއަކީ އެންމެ ބޮޑު ވިޔަފާރީގެ އާއިލާކަމަށް ވިޔަސް ރާއްޖޭގެ ވިޔަފާރީގެ ގިނަ ބޭފުޅުންނާ ޚިލާފަށް ކޮލިގޭ އާއިލާއަކީ ސިޔާސީ ކަންކަމާ ދުރު އާއިލާއެކެވެ. ސީދާގޮތެއްގައި ސިޔާސީ ކަންކަމާ ނުބެހޭ އާއިލާއެކެވެ. އެމް.ޔޫ މަނިކުގެ ތައުލީމާއި ތަމްރީނުގެ އަލީގައި ގައުމަށް ޚިދުމަތް ކުރެއްވުމުގައި ގިނަ އަހަރުތަކެއް ދަނޑުވެރިކަމާބެހޭ ވުޒާރާގައި ހޭދަކުރެއްވިއިރު، އަދި މިނިސްޓަރުގެ ނާއިބުކަންވެސް ކުރެއްވިއިރު އެތަކެއް ފަހަރު ވަޒީރުކަމަށް ވަޑައިގަތުމުގެ ފުރުސަތު ތަނަވަސްވިއެވެ. އެކަމަކު ވަޒީރުކަން ކުރައްވާކަށް ގަސްތެއް ނުކުރެެއްވިއެވެ. ކޮލިގޭ އާއިލާގެ ތެރެއިން ސިޔާސީ ބޭފުޅެއްގެ ގޮތުގައި ކިރިޔާވެސް ބެލެންއޮތް ބޭފުޅަކީ ކޮލިގޭ އަލީ އުމަރު މަނިކެވެ. ރައީސް ނާސިރުގެ ދައުރުގައި ނާއިބުރައީސްކަން ކުރެއްވިއެވެ. ރައީސް މައުމޫނުގެ އެޑްވައިޒަރުކަންވެސް ކުރެއްވިއެވެ.
ބޭބޭފުޅު ނަމޫނާއަކަށް ބެއްލެވުން
އެމް.ޔޫ މަނިކުގެ ބޭބޭފުޅު ކޮލި އަލިމަނިކަކީ ދިވެހި ވިޔަފާރީގެ އިންގިލާބީ ލީޑަރެކެވެ. ޚާއްސަކޮށް ޝިޕިންގެ ދާއިރާގައެވެ. ބޭބޭފުޅުގެ މިސާލު ދެއްކެވުންތަކުން ވަރަށް ގިނަ ކަންކަން އެމް.ޔޫ މަނިކު ހާސިލް ކުރެއްވި ކަމަށް ފެނެއެވެ. އޮނަރަބަލް އަލީ އުމަރު މަނިކު ލިޔުއްވި އެމަނިކުފާނުގެ ހަޔާތުނާމާއަކީ ދިވެހި ވިޔަފާރިވެރިންގެ އަތްމަތީ ފޮތަކަށް ފުދެއެވެ. ބޭބޭފުޅު ފަދައިން އެމް.ޔޫ މަނިކަކީ މުޅިން ކަހަލަ ގޮތަކަށް ވިޔަފާރިއާ އިގްތިސާދާ ގުޅޭ ފަންނީ ކަންކަމަށް ޚާއްސަ ބޭފުޅެކެވެ. އެމް.ޔޫ މަނިކަށް ބޮޑުބޭބެ ވިދާޅުވާ އިސްމާއީލް ނޫރައްދީނުގެ އަނބިކަނބަލުން ޑރ. އައިޝަތު ޝިހާމް ވަޒީރުކަން ކުރެެއްވުމާއި އެމް.ޔޫ މަނިކުގެ ޅިޔަން ބޭފުޅެއް ކަމުގައިވާ އިލްޔާސް އިބްރާހީމް ވަޒީރުކަން ކުރެއްވުމަކީ ކޮލިގޭ އާއިލާއާ ވަކިން އެބޭފުޅުންގެ މުޅިން އަމިއްލަފުޅު ކެރިއަރާ ގުޅިފައިވާ ކަންކަމެވެ. އެކަމުގައި ކޮލިގޭ އާއިލާގެ ސީދާ ދައުރެއް އަދި މަސްލަހަތެއް ނެތެވެ.
މުރާލިކަމުގެ ނަމޫނާއެއް
ކޮލިގޭ އާއިލާއިން ހިންގާ ސިޔާސީ ޕާޓީއެއް ނެތެވެ. އެ އާއިލާ ޝާމިލްވާ ސިޔާސީ ހަރަކާތެއް ނެތެވެ. އާއިލާގެ މި ސިޔާސަތުގެ މޭސްތިރިއަކީވެސް އެމް.ޔޫ މަނިކެވެ. ތަމްރީނާއި ތަޖުރިބާގެ އަލީގައި ބައެއްކަހަލަ މަގާމުތައް ފުރުއްވަން ޖެހިވަޑައިގެންނެވިޔަސް އެމަނިކުފާނުގެ އޮޑި ދުއްވެވީ ސިޔާސީ ކަނޑެއްގައެއް ނޫނެވެ. ސަމުގާއަކީ ސިޔާސީ ސަމުގާއެއް ނޫނެވެ. މިއުމަން އެޖެންސީއާއި ކުރުނބާ ވިލެޖުން ފަތުރުވެރިކަމުގެ ސިނާއަތު ފެއްޓެވި ގޮތް މަތީގައި ބަޔާން ކުރެވިއްޖެއެވެ. ކުރުނބާ ވިލެޖު ހުޅުވުމަށްފަހު އެ ރިސޯޓު ހިންގަވަން އެމް.ޔޫ މަނިކު ފިނިކުރި ކޮޓަރިއެއްގައި މުވައްޒަފުންނަށް އަމުރު ކުރައްވަން އިންނެވީއެއް ނޫނެވެ. ރަސްމީ ގަޑީގައި ދަނޑުވެރިކަމުގެ ވުޒާރާގައި މަސައްކަތް ކުރައްވަން އިންނަވައިފައި ދެން ކުރުނބާއަށް ވަޑައިގެން ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށް ދެއްވުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން އުޅުއްވިއެވެ. ޚާއްސަކޮށް ކާނާޔާއި ބުއިންތައް ފޯރުކޮށްދިނުމުގެ ކަންކަމުގައެވެ.
މުޅި ދުވާލާއި ރޭގަނޑު ހޭދަކުރެއްވީ މަސައްކަތުގައެވެ. ހީވާގިކަމާއި މުރާލިކަމުގެ ނަމޫނާ ދައްކަވަމުންނެވެ. މުރާލިކަމަކީ ކާމިޔާބީގެ ތަޅުދަނޑިކަން އަމަލީ ގޮތުން ދައްކަވަމުންނެވެ. އެމް.ޔޫ މަނިކު ޗެއަރމަންކަން ކުރައްވަމުން ގެންދެވި ޔުނިވަރސަލް އެންޓަރޕްރައިޒަސް އަކީ މިދާއިރާގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެބޮޑު އެއް ކުންފުންޏެވެ. މިއަދުވެސް ޔުނިވާސަލްގެ ދަށުން 8 ރިސޯޓެއް އެބަހިނގައެވެ. ކުންފުނި ވުޖޫދުވީއްސުރެވެސް ޗެއަރމަނަކީ އެމަނިކުފާނެވެ. ފަތުރުވެރިކަމުގެ ސިނާއަތު ތަމްސީލުކުރާ އެންމެ ބޮޑު ޖަމިއްޔާ، މަޓީ އުފެދުނީއްސުރެ ޗެއާމަންކަން ކުރައްވަނީވެސް އެމަނިކުފާނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗެއަރމަނަކީ 2013 އިން ފެށިގެން 2024ގެ ނިޔަލަށް އެމަނިކުފާނެވެ. އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި މޯލްޑިވްސް މަނިޓަރި އޮތޯރިޓީގެ ބޯޑް މެމްބަރުކަންވެސް ވަނީ ކުރައްވައިފައެވެ. އިޖުތިމާއީ ރޮނގުންވެސް އެމަނިކުފާނަކީ ފާހަގަކޮަށްލެވޭ ޚިދުމަތްތެރިއެކެވެ.
އިޖުތިމާއީ ބައެއް ޚިދުމަތްތައް
ސުނާމީ ކާރިސާގައި 2004 ވަނަ އަހަރު ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޮނުއްވުމާއި، އައިޖީއެމްއެޗްގައި ކިޑްނީ ސާފުކުރާ ޒަމާނީ މެޝިނެއް ބެހެއްޓެވުމާއި އެކަމަށް މީހުން ތަމްރީނުކޮށްދެއްވުމަކީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެވެ. ޔުނިވާސަލް ފައުންޑޭޝަން މެދުވެރިކޮށް ވަރަށް ގިނަ ޑޮކްޓަރުންވެސް ތަމްރީނު ކުރައްވާފައިވެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރެއްވި ޚިދުމަތްތަކާއި މަތީގައި ފާހަގަކުރެވުނު ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2011 ވަނަ އަހަރު އެމް.ޔޫ މަނިކަށް ދިވެހި ދައުލަތުގެ އިއްޒަތް އަރުވައިފައެވެ. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތެވެ. އޭގެ ކުރިން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމުވެސް އަރުވާފައިވެއެވެ. މިނިވަން ފަންސަވީހުގެ ހިދުމަތުގެ އިނާމާއި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު ވެސް ވަނީ އަރުވާފައެވެ.
ގައުމީ ހިތާމައެއް
ކޮންމެއަކަސް އެމް.ޔޫ މަނިކުގެ ވަކިވުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ދެރައެކެވެ. ހިތާމައެކެވެ. ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. ދިވެހީންނާ ވަކިވެގެން އެދިޔައީ ދިވެހިރާއްޖޭގެ މިޒަމާނުގެ ތާރީޚު ދެކިފައިވާ އެންމެ ކުޅަދާނަ އެންމެ މުހިންމު އެއް ޝަޚުސިއްޔަތެވެ. އެމަނިކުފާނުގެ ޚިދުމަތްތަކާއި ހަޔާތުގެ މައްޗަށް ކިތަންމެ ބޮޑު ފޮތެއްވެސް ލިޔެވިދާނެއެވެ. ކޮލި އަލިމަނިކުގެ "މައި ލޮގް ބުކް" ފަދައިން އެއަށްވުރެވެސް ދިގުކޮށް ފުރިހަމަކޮށް ފޮތެއް ލިޔެވިދާނެއެވެ. އެއީ ކޮންމެވެސް ބަޔަކު ކުރާންވެސް ޖެހޭނެ ކަމެކެވެ. މަރުހޫމް އެމް.ޔޫ މަނިކުގެ ހަނދާނަކީ ހަމަޔަގީނުންވެސް ދިވެހިންގެ ތެރެއިން ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ. މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
އިމާދު ލަތީފު
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ