ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަން އެޖެންޑާކޮށްގެން ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުން މެންބަރެއްގެ ހިޔާލާއެކު ނިންމާލައިފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން މުގައްރިރު، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވީ، މި ބައްދަލުވުމަކީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ދިރާާސާކޮށްލައި، މެންބަރުންގެ ހިޔާލު ފާޅުކޮށްލައި، އެ ހިޔާލުތަކަށް ބެލުމަށްފަހު ކުރިއަށްދާނެގޮތެއް ތަރުތީބުކޮށްލުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކެވީވެސް ހަމައެކަނި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދެވެ.

އޭނާ ވިދާޅުވީ، މި ކޮމިޓީއަކީ ކޮމިއުނިކޭޝަނާއި ޓެކްނޮލޮޖީ ކޮމިޓީއަށް ވެފައި މިއަދު މަޖިލީހަށް ހުށަހެޅުނު މީޑިއާ ރެގިއުލޭޓްކުރާ ބިލަކީ ކޮމިޓީއަށްވެސް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް، ތާރީހަށްޓަަކައި ދަންނަވާލަން ބޭނުންވާ ކަމަށެވެ. އެއީ ރާއްޖޭގެ މީޑިއާ އާއި ކޮމިއުނިކޭޝަން ދާއިރާާއަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.

"އެހެން މި ދަންވާލަން ޖެހުނީ ކޮންމެ ކަމެއްވެސް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމަކީ އިންސާނުން އެމީހުން ދިރިއުޅޭ ކޮންމެ މާހައުލެއްގައި ކޮންމެ ތަނެއްގައި ކުރަމުންދާނެކަމެއް، އެގޮތުން މީޑިއާގެ ވަސީލަތްތައް ތަރައްގީ ކުރުމާއި މީޑިއާ ބޭނުންކުރުމުގެ ތަހުޒީބު ގޮތްތައް އުފެއްދުމަކީ ކޮންމެ ދައުލަތަކަށްވެސް، ކޮންމެ ސަރުކާރަކަށްވެސް އަދި ކޮންމެ މުޖުތަމައަކަށްވެސް ބޭނުންވާނެކަމެއް، އަދި ހާއްސަގޮތެއްގައި މުސްލިމް މުޖުތަމައަކަށް ވަރަށް މުުހިއްމުކަމެއް، ހަބަރު ފަތުުރާ ވަސީލަތްތައް ޒިންމާދާރުގޮތެއްގައި ބޭނުންކުރެވިގެންދިއުން،" އޭނާ ވިދާޅުވިއެވެ.

މީޑިއާ ނަހަމަ ގޮތުގައި ބޭނުންކުރާ އަޑުތައް އިވެމުންދާ ދަނޑިވަޅެއްގައި މަޖިލީހަށް ހުށަހެޅުނު ބިލުގައި ހުރި ރަނގަޅު ނުކުތާތައް ރައްޔިތުންނާ ހިއްސާކުރައްްވައި އެ ބިލާ ގުޅުންހުރި ކަމެއް ކޮމިޓީގައި މަޝްވަރާކުރަން އޮވެއްޖެ ނަމަ، އެކަމެއް ދެން އަންނަ ކޮމިޓީ ބައްދަލުވުމަކަށް ގެންނެވުމަކީ އެދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާގެ ވާހަކައާ ގުޅިގެން ކޮމިޓީ މުގައްރިރު މުފީދު ވިދާޅުވީ މެންބަރު އިބްރާހިމް މުހައްމަދު ފާޅުކުރެއްވި ހިޔާލަށް ފުރިހަަމައަށް ތާއީދުކުރައްވާ ކަމަށެވެ.

"ރަނގަޅު ހިޔާލުފުޅުތަކެއް، އެެހެންވީމާ ހިޔާލުފުޅާއި އެ މަޝްވަރާއަށް ދެެވަނަ ދުވަހަކަށް ދިއުމަށް ކޮމިޓީ ނިންމާލާނަން،" ކަމަށް ވިދާޅުވެ ކޮމިޓީ ބައްދަލުވުން ނިންމަވައިލެއްވިއެވެ.

މައްސަލަ ބަަލަން ބޭއްވި އެ ކޮމިޓީ ބައްދަލުވުމަށް އެއްވެސް މައްސަލައެއްް އެޖެންޑާކޮށްފައެއް ނުވެއެވެ.