ކައިވެނިކުރަން ހުށަހަޅަން ޖެހޭނީ ތެލަސީމިއާ ޓެސްޓްގެ ނަތީޖާއާ އެކުގައި ކަމަށް ގާނޫނުގައި ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގު ނުކޮށް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އެ ބިލު އަލުން މަޖިލީހަށް ފޮނުއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެ ބިލު މަޖިލީހުން ފާސްކުރިފަހުން އެ ބިލަށް އިސްލާހުތަކެއް ގެނައުމަށް ހުށަހެޅުންތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ހުށަހެޅުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މުހިންމު ބަދަލުތަކެއް ކަމަށާއި އެ އިސްލާހުތަކާއެކު އެ ބިލު ފާސްކުރުމަކީ އެ ބިލުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުކުރުމަށް ގާނޫނަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ އެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް އަލުން އެ ބިލުގެ މަސައްކަތް ކުރެއްވުމަށެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އެ ސިޓީގެ މަސައްކަތްވަނީ ހިމަނައިފަ އެވެ. އެ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވާފައި ވަނީ އެ އިސްލާހުގެ މަސައްކަތް ކުރުމަށް އަލުން އިޖުތިމާއީ ކޮމެޓީއަށް ފޮނުވުމަށެވެ. ފަލާހުގެ އެ ހުށަހެޅުއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވަނީ ތާއީދުކުރައްވައިފަ އެވެ.
އެ ބިލު އިތުރަށް ފުރިހަމަކުރަން އިޖުތިމާއީ ކޮމެޓީއަށް ފޮނުވަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުން ވޯޓު ދެއްވި އެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހެޅުއްވި މި ބިލުގައި، ތެލަސީމިއާ ކުދީން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް ވަނީ ގާނޫނަށް އިތުރުކޮށްފައެވެ.
މާއްދާގައި ބުނަނީ ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނިކުރުމަށް ހުއްދައަށް އެދި ރަޖިސްޓްރާއަށް ހުށަހަޅަން ޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައި ކަމަށެވެ. އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައިވާ ނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް މިއަދު ފާސްކުރި ބިލުގައި ބުނެފައިވެއެވެ.
އެކަމާބެހޭ ގަވާއިދު 30 ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ އާ ޝަރުތުތައް ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަކީ ސިވިލް ސާވިސްގެ މަގާމެއްކަމަށް ކަނޑައަޅައި، އެ މަގާމަށް މީހަކު އައްޔަންކުރާނީ ވަޒީރުގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ވަނީ ހިމަނައިފައެވެ. އަދި އެ މަގާމަށް އައްޔަން ކުރެވޭނީ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް އަށެއް ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލްކޮށް ސިއްހީ ދާއިރާގައި މަސައްކަތްކުރުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށް ވެސް ހިމަނާފައިވެއެވެ.
ޑީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު