ކަށި މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
ކުޅުއްދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެ ސިޓީގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ މިޔަރުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް ގޮވާލައްވައިފައެވެ.
"ފިޝަރީޒް މިނިސްޓްރީ، އެންވަރަޔަމަންޓް މިނިސްޓްރީން ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތް ކޮށްފިން، އަދި ކުރަމުން މިދަނީ. މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލައި ނިމިއްޖެ. މި ޕްލޭންގެ ދަށުން އެކެއް ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިޔަރުގެ މަސްވެރިކަން ފެށުމަކީ ވަރަށް މުހިންމު ދޮރެއް ކަމަށާއި މިޔަރުގެ މަސްވެރިންނަށް ފުރުސަތުތައް އޮންނާނެ ކަމަށެވެ.
މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަކީ ކުޅުދުއްފުށި ހިމެނޭހެން ބައެއް މަސްވެރިން އެދެމުން އަންނަ ކަމެކެވެ.
މި ސަރުކާރުން މީގެ ކުރިންވެސް ވަނީ ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމައިފައެވެ. ނަމަވެސް ބައެއް ފާޑުކިޔުންތަކާއެކު އެ ނިންމުން އަނބުރާ ގެންދިޔައީއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު