އިންޑިއާގެ އަވަށަކުން ޑައިނަސޯ ޒަމާނުގެ ކަށިތަކެއް ފެނިއްޖެއެވެ.

އިންޑިއާގެ ދިރާސާވެރީން އެ ގައުމުގެ ރާޖަސްތާނުން ހޯދި އެ ކަށިތަކުގެ ބައްޓަމަށް ބަލާއިރު އެއީ ކިނބޫ ކަށިކަމަށް ބެލެވޭ ކަމަށް އެފަރާތުން ބުނެފައިވެއެވެ.

ދިރާސާވެރީން ވަނީ އެ ކަށިތައް ފައިޓޯސަރ ނަމަކަށް ކިޔާ ބާވަތެއްގެ ކަށިތަކަކާ ވައްތަރު ކަމަށާއި އޭގެ ދިގުމިނުގައި 1.5 ނުވަތަ 2 މީޓަރު ހުންނާނެ ކަމަށް ބެލެވޭކަމަށް ބުނެފައެވެ.

މިހާތަނަށް ބެލި ބެލުމުން އެ ކަށިތަކަކީ 200 މިލިއަން އަހަރު ވެފައިވާ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށްވެސް ދިރާސާވެރީން ފާހަގަކޮށްފައިވެއެވެ.

އެ ސަރަހައްދުން އިތުރު ކަށިތަކެއް ފެނިދާނެ ކަމަށް ބެލެވޭތީ އެ ސަރަހައްދު އިތުރަށް ބެލުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ޑައިނަސޯ ޒަމާނުގެ ހެކި އިންޑިއާގައި ހުރި ކަމަށް ފެންނަ މުހިންމު ހޯދުމެއް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ރިޕޯޓުތަކުން ބުނާގޮތުން އެ ކަށިތައް ފެނިފައިވަނީ އެ އަވަށުގެ ބަޔަކު ކޯރެއް ކޮންނަނިކޮށެވެ. ކަށިތައް ފެނުމާއެކު ކަށިތައް އުފެދިފައިވާ ގޮތަށް ބަލައި އެއީ އާދައިގެ ކަމަކަށް ނުވާތީ އިދާރާތަަކަށް އަންގައި އެކަންތައް އިތުރަށް ބަލަން ފެށިކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން މީގެ ކުރީން ވެސް ވަނީ ޑައިނަސޯ ޒަމާނުގެ އަސަރުތައް ފެނިފައެވެ. އެގޮތުން 2023 ވަނަ އަހަރު އެގައުމުގެ އަވަށަކުން ވަނީ އެޒަމާނުގެ ބިސްތަކެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައެވެ.