ހދ. ނޮޅިވަރަންފަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

އެމްއޭސީއެލްއާ އެ މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.

އެކަމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެ އެއްބަސްވުމުގެ ތަފްސީލެއް އަދި އާންމުކޮށްފައިނުވާ އިރު، ޖަލްސާގެ ތެރެއިން ވަނީ ނޮޅިވަރަންފަރުގެ ގިނަ މަޝްރޫއުތަކެއް އެކިއެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. އެގޮތުން ބަނދަރު ހެދުން އެމްޓީސީސީއާ ހަވާލުކުރި އިރު، ސިއްހީ މަރުކަޒުގެ އާ އިމާރާތް ހަދަން ހަވާލުކުރީ އާރުޑީސީއާއެވެ.

މީގެ އިތުރުން ސްކޫލަށް ޖާގަ އިތުރުކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރި އިރު، ފުޓްބޯޅަ ދަނޑު ހަދަންވެސް ހަވާލުކުރީ އާރުޑީސީއާއެވެ.