ހދ. ނެއްލައިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަން އިތުރު މަޝްރޫއެއް ހިންގަން ނިންމަވައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ނެއްލައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރަށް ގިރުމުގެ މައްސަލައަކީ ނެއްލައިދުއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ނެއްލައިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބައި މިހާރު ނިމިފައިވާކަން ފާހަގަ ކުރައްވައި ރައިސް ވިދާޅުވީ އަންނަ އަހަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މުޅިންއާ މަޝްރޫއެއް ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ.
ރައީސް ސިއްހީ މަރުކަޒުގެ ޖާގަ ބޮޑުކޮށް އެތަން ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު ފަށައިފައިވާ ކަމަށެވެ.
"އެ މަޝްރޫއުގެ ތެރެއިން އިރާދަކުރެއްވިއްޔާ މިރަށުގެ ސިއްހީ ހިދުމަތް ވަރަށް ރަނގަޅު ވެގެންދާނެ މަޝްރޫއު ނިމިގެންދާއިރުގަ. އިތުރުވާޖާގައިން މެޑިކަލް ސާވިސަސްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރާނެ ޖާގައާ، ވަސީލަތްތަކައް އޭގެ ތެރޭގަ ލެބޯޓަރީ ހިދުމަތް ހިމެނޭ ހިމެނިގެންދާނެ. އަމާޒަކީ 24 ގަޑިއިރަށް ހިދުމަތް ބަދަލުކުރުން. އެކަމަށްޓަކާ މިހާރުއްސުރެ އަޅުގަނޑުމެން ގެންދަނީ މަސައްކަތް ކުރަމުން. މިހާރުވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް މަސައްކަތްތައް ކުރަމުންދާނަން، މުވައްޒަފުން އިތުރުކުރެވެން އޮތް ވަރަކަށް މިއަންނަ އަހަރު އިތުރުވެސް ކޮށްދޭނަން. އަދި މިއަހަރުވެސް އިތުރު ކުރެވެން އޮތިއްޔާ އަޅުގަނޑުމެން ބަލާފަ އިތުރު ކުރަމުންދާނަން" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ނެއްލައިދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމަށް 60 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް މި ޖަލްސާގައި ހައުސިން ޑިވެލޮޕްމެންޓް (އެޗްޑީސީ)އާ ހަވާލުކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެޗްޑީސީން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި ވަރަށް ބާރު ސްޕީޑެއްގައި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ރަށުގެ ޖެޓީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މި ޖަލްސާގައި ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާނެކަމަށް އެެ މަނިކުފާނު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ މަސައްކަތުގެ 99 ޕަސަންޓް ވަނީ ނިމިފައި ކަމަށާއި އެ މަޝްރޫއުގެ ބާކީ މަސައްކަތްތައް ވަރަށް އަވަހަށް ނިންމައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ނެއްލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ހެދުމުގެ ބިންގާ މިއަދު އަޅައިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެ މިސްކިތް އިމާރަތް ކުރާނީ ސޯލާ ހަކަތައިން ބޭނުން ކުރެވޭ ގޮތަށް ލައިބްރަރީއަކާއި ކްލާސް ރޫމަކާއެކުގައި ކަމަށާއި މުޅި މިސްކިތް ހުންނާނީ އޭސީކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މިރަށުގެ ސްކޫލަކީ ނަތީޖާ ރަނގަޅު ދަރިވަރުންތަކެއް ނެރެދޭ ސްކޫލެއް ކަމަށް ވިޔަސް، ސްކޫލުގެ އުމްރާނީ ހާލަތު ވަރަށް ދަށްކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ސްކޫލަށް ބޭނުންވާ މަލްޓިޕާޕޯސް ހޯލާއި ކްލާސް ރޫމް އަދި ސްޓާފް ރޫމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ މަސައްކަތްތައް ފަށާއިރު މިހާރު ބޭނުން ކުރަމުންދާ ސްކޫލުގެ ހޯލު ތަޅާލަން ޖެހުމުގެ ސަބަބުން ދެ ދަންފަޅިއަށް ބަހައިގެން ކިޔެވުން ކުރިއަށް ގެންދަން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރު ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް ނެއްލައިދޫގައި ހެދުމަށް ބަޖެޓުގައި ހިމަނައި ޖެނުއަރީގައި އެ މަސައްކަތްތައް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހިދުމަތް މިއަދު ނެއްލައިދޫގައި ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭޓީއެމްގެ ހިދުމަތްތައް ފަށާތީ އެކަމަށް ފާޑު ކިޔަމުންދާ ފަރާތްތަކަށް އެއީ ކިހާއި މުހިންމުކަމެއްކަން އެނގިވަޑައިނުގަންނަވާ ކަަމަށެވެ. ރައީސް ވިދާޅުވީ އޭޓީއެމް ނުހުންނަ ރަށްރަށުގެ މީހުން ޖެހެނީ ކައިރި ރަށްރަށަށް ފުރައިގެން ގޮސް ފައިސާ ނަގައި ފައިސާ ޖަމާކުރުންފަދަ ކަންކަން ކުރަން ކަމަށެވެ. ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމުން ރަށުގެ ރައްޔިތުން އަތުން ފައިސާ ހަރަދުނުކޮށް އެހެން ރަށަކަށް ދާން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނެއްލައިދޫގެ ބައެއްގެ ގޮތުގައި އެ ރަށާއި ކައިރީގައި އޮންނަ ހިރިނައިދޫ ހަމަޖައްސައިދީފައިވާނެކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ ރަށުގެ ރައްޔިތުން އަދިވެސް ހިރިނައިދޫން، މަންފާ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރަމުންދާ ނުދާ ކަމަށެވެ. އެހެންވެ އެ މަނިކުފާނު އެދިވަޑައިގެންނެވީ ރަށުގެ ހުރިހާ ރައްޔިތުންނަށް މާލީ ނުވަތަ އިގުތިސޯދީ މަންފާނެ ވާނެ ގޮތަކަށް ހިރިނައިދޫގެ ބޭނުން ހިފައި އެކަމުގެ ޕްލޭން ކައުންސިލްގެ ފަރާތުން ސަރުކާރަށް ހުށަހެޅުމަށް ކަމަށެވެ. ރަށުގެ ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު