ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވަނީ ހުދޫދެއްގެ ތެރޭގައި ކަމަށާއި ހިޔާލުފާޅު ކުރުމުގެ ނަމުގައި އަނެކާގެ އަބުރަށް އަރައިނުގަނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އުތީމުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގިދާނެ ކަމަށާއި ނަމަވެސް ހަގީގީ ތަރައްގީއަކީ އިންސާނުންގެ ސިކުނޑިއަށް އަންނަ އެއްޗެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެންމެ އިސްކަމެއް ދޭންވީ ރީތި އާދަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮންމެ މީހަކަށް އިއްޒަތަކާއި އަބުރަކާއި ޝަރަފަކާއި ލިބިފައިވާ ފަދައިން އަނެކާއަށްވެސް ހަމަ އެ ވަރަށް އެ އިއްޒަތާއި ޝަރަފާއި އަބުރު ލިބިގެންވާކަން ގަބޫލުކޮށް މީގެކުރިން ދިވެހިވަންތައްކަން މިގައުމުގަ އޮތް އިރު، ދިވެހިވަންތައްކަން ފުރިހަމަކަމާ އެކީގައި ރިވެތި ސިފަތަކާއެކީގައި އޮތްއިރުގައި މި ދެންނެވި ސިފަތައް އޮތްއިރުގައި ކަންކަން އަޒުމް އާ ކުރަންވީ،" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުން"
ރައީސް ވިދާޅުވީ އެއްވެސް މީހެއްގެ މިނިވަންކަމަށް އަރައިގަނެވޭ ހިސާބުން ތިމާއަށް ލިބިދީފައިވާ ހައްގުތަކަށް ހުދޫދުވެގެންދާނެ ކަމަށެވެ. މިނިވަންކަމުގެ ނަމުގައި ބޭނުން އެއްޗެއް ކިޔުމާއި ލިޔުމުގެ ފުރުސަތު ނުދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިިއަދު ފެނިގެންދަނީ އެހެން މީހުންގެ އަބުރަށް އެއްވެސް ބަލައިލުމެއް ނެތި އަމިއްލަ މަންފާއަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ
"އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަން ކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ ބެލުމެއްނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ، އެހެންވީމާ އަތާ ދޫ ރައްކާތެރިކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވާޖިބެއް، މުސްލިމަކަށްވާތީ އަދި އަމުދުން ވަރަށް މުހިންމު ވާޖިބެއް،" ރައީސް ވިދާޅުވިއެވެ.
ގައުމީ ދުވަސް ފާހަގަކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެ ވާޖިބު އަދާކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމިއްޔަތަކީ ރީތި އާދަތަކާއި ދިވެހި ބަހާއި އިސްލާމްދީން ކުރިއެރުވުން ކަމަށާއި އެކަންކަމަކީ ދިވެހި ކޮންމެ ރައްޔިތަކު އަދާކުރަން ޖެހޭނެ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ގައުމު އަންނަން އޮތް ޖީލުތަކަށް ރީތި އާދަތަކާއެކު ފޯރުކޮށްދެވޭނީ އެފަދައިން ކަންކަން ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ތިމަންނާގެ މިނިވަންކަމެއް ނޫންކަން އަނެކާގެ ހައްގުތަކަށް އަރައިގަތުމަކީ، އަނެކާގެ އަބުރު ކަތިލުމަކީ، އަނެކާއާ މެދު ދޮގު ވާހަކަތައް ދެއްކުމަކީ. ހަމަހިތަށް އަންނަހާ އެއްޗެއް ބުނަމަކީ، ބޭރުކޮށްލުމަކީ އެއީ ނޫންކަން. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ތިމާގެ ދުލުން ބަހެއް ބޭރުވުމަށްފަހު ތިމާއަކީ އެ ބަހުގެ އަޅެއްކަން. އެ ބަސް ބޭރުކޮށްލުމުގެ ކުރިން އެ ބަހަކީ ތިމަންނަގެ އަޅެއްކަން،" ރައީސް ވިދާޅުވިއެވެ.
"އެެހެންވީމާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނޫނިއްޔާ ތިމަންނާގެ ކޮންމެ ވާހަކައެއް ބުނުމުގެ ލިޔުމުގެ މިނިވަންކަމަކީ ވަކި ހުދޫދެއްގައި އޮންނާނެ ކަމެއް. ތިމަންނަ ކުރަންވީ ކަންކަމުގެ މިނިވަންކަމަކީ ހައްގުތަކަކީ ވަކި ހުދޫދެއްގެ ތެރޭގައި އޮންނަ ކަމެއް"
ކޮންމެ ހައްގެއް ލިބިގެންވަނީ "ލިމިޓޭޝަން" ތަކަކާއެކު ކަމަށް ރައީސް ވެސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު