ދިރިއުޅުން، ފަގީރުކަމުން މުއްސަނދިކަމަށް، ބަދަލުކޮށްދޭ އެއްޗަކަށް، "ޒަކާތް" ހަދަންޖެހޭ ކަަމަށް މެލޭޝިޔާގެ އިންސިފް ޔުނިވާސިޓީގެ އެސޯސިއޭޓް ޑީން، ޕްރޮފޮސާ ޑރ. އާއިޝަތު މުނީޒާ ވިދާޅުވެއްޖެއެވެ.
ޑރ. މުނީޒާ މިއަދު މިހެން ވިދާޅުވީ، ޒަކާތު ހައުސްއިން ރާއްޖެގައި ބާއްވާ، ބައިނަލްއަގުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް، "އިންޒެކް 2025" ރަސްމީކޮށް ފައްޓަވައިދެއްވަމުންނެވެ.
ޑރ. މުނީޒާ ވިދާޅުވީ، "އިންޒެކް 2025" މި ފަހަރު މި ބޭއްވެނީ ފުރަތަމަ ފަހަރަށް ޒަކާތުގެ ބިލެއް ރައްޔިތުންގެ މަޖިޅީހަށް ހުށަހަޅައި ބަހުސްކުރަމުންދާ ތާރީހީ ދަނޑިވަޅެއްގައި ކަމަށެވެ.
ޒަކާތުގެ ބިލެއް ހުށަހެޅުމުން، ޓެކްސްނަގާ މުޖުތަމައުތަކުގައި އަދިވެސް ޒަކާތް ބޭނުންވަނީ ކީއްވެތޯ އާއި ޓެކްސް އޮތޯރިޓީތައް އޮތްއިރު ހާއްސަ ޒަކާތުގެ ގާނޫނެއް މުހިއްމުވަނީ ކީއްވެގެންތޯ އާއި ޓެކްސް ނެގިއަސް ޒަކާތަށް ވަކި ހާއްސަ ގާނޫނެއް އޮންނަން ޖެހޭތޯ އެއީ މުޖުތަމައުގައި އުފެދުނު ސުވާލުތަކެއް ކަމަށެވެ.
އެއީ ޒަކާތަށް ރައްޔިތުން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާކަން ދޭހަވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.
"ޒަކާތަކީ ހަމައެކަނި ޓެކްސް ނެގުމުގެ އެހެންގޮތެއް ނޫން، ޓެކްސްއާބެހޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއް، ޒަކާތަކީ އިލާހީ ވާޖިބެއްކަން، ޓެކްސްއިން ސަރުކާރުތައް ދެމެހެއްްޓޭ، ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ، ޓެކްސްގެ ގާނޫނުތަކަކީ އިންސާނުން ހަދާފައިވާ ގާނޫނުތަކެއް، ޒަކާތުގެ ނިޒާމަކީ ކީރިތި ގުރުއާންގައި ބަޔާން ކުރައްވާފައިވާ ނިޒާމެއް، އެ ލިބޭ ވަކި ގިންތިތަކެއް ސާބިތުކަމާއެކު ބަޔާންކުރައްވާފައިވާ، އިލާހީގޮތުން ލާޒިމްކުރާ އެއްޗެއް، އެހެންކަމުން ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ހިންގުމަށް އަމިއްލަ ވަކި އެކަމަށް ހާއްސަ ގާނޫނެއް ބޭނުންވޭ،"
ނަމަވެސް މުނީޒާ ވިދާޅުވީ، ހަމައެކަނި ގާނޫނުތަކަކުން އެކަންކަން ނުފުދޭނެކަން ވިސްނާލަންޖެހޭ ކަމަށެވެ.
ޒަކާތުގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އެކަން ބަލަހައްޓައި މެނޭޖުކުރާގޮތާ މެދު އާ ނަޒަރިއްޔާތަކުން ވިސްނާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރުގެ އާއްމު އުސޫލަކީ ޒަކާތުގެ ފައިސާ، އޭގެ ބެހެނިވެރިންނަށް އެއްފަހަރު ބޭނުން ކުރެވޭ ގޮތަށް ޖަމާކޮށްދިނުން، އެހެންކަމުން ޒަކާތުގެ ފައިސާ ބެލެވެނީ ކުރު މުއްދަތަކަށް މީހަކަށް ހޯދައިދެވޭ ތަސައްްލީއެއްގެ ގޮތަށް، ނަމަވެސް ޒަކާތަކީ އެއަށްވުރެން ބޮޑު މަގުސަދެއް ހާސިލްކުރެވޭނެފަދަ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އިންސްޓްރޫމަންޓެއް، ޒަކާތަކީ ހަމައެކަނި އެއްދުވަހުގެ ބޭނުންތައް ފުއްދައިދޭން މީހުންނަށްދޭ ފައިސާއެއްނޫން އެއީ މީހެއްގެ ދިރިއުޅުން ފަގީރުކަމުން މުއްސަނދިކަމަށް، މިއަދު ޒަކާތުގެ ފައިސާ ބަރޯސާވާ މީހާއަކީ މާދަމާ ޒަކާތް ދައްކާމީހަކަށް ބަދަލުކޮށްދޭފަދަ އެއްޗެއް،"
އެހެންކަމުން ޒަކާތުގެ ގޮތުގައި އެއްފަހަރު ޖަމާކުރެވޭ އެއްޗެއްގެ ބަދަލުގައި ފަގީރުކަން ނައްތާލައި، އިންސާނުން ތަހުޒީބު ކުރުމަށްޓަކައި ބޭނުންކުރާ އިންސްޓްރޫމެންޓެއްގެ ގޮތުގައި ޒަކާތް ބޭނުންކުރަންޖެހޭ ކަަމަށް މުނީޒާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ