ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު އައިސްފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން މިއަދު ބުނީ ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުގެ ދަށުން އިއްޔެއިން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 11,191.95 ރުފިޔާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ޒަކާތު ހައުސްއިން މި އަހަރު މުދަލު ޒަކާތުގެ ނިސާބު އެންމެ ފަހުން ކަނޑައެޅިއިރު ނިސާބު ހުރީ 9,264.15 ރުފިޔާގައެވެ. އެއީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޒަކާތުގެ ނިސާބުގެ މިންވަރު ރާއްޖޭގައި ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެހެންވެ ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރަށް ބަދަލު އަންނާނެއެވެ.