ލޯކަލް ޓޫރިޒަމުން ހުއްދަ ނުކުރާ ދިމަދިމާއިން މުއްސަނދިކަން ހޯދުމުގެ ތެރެއަށް ދާން ވިސްނާ ކަމަށްވަންޏާ، އަމިއްލައަށް އެ ހަލާކުކޮށްލެވެނީ މުސްތަގުބަލު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އުކުޅަހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިންގަނީ ވަކިން އޮތް ރިސޯޓެއްގައި ނުވަތަ ވަކިވެފައި އޮންނަ ބިންތަކެއްގައި ނޫން ކަމަށާއި އެހެންވީމާ ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނާނެ ކަމަށެވެ. އަދި އެ އިންޑަސްޓްރީގެ ތެރެއިން ކުރިއަށްދާ އިރުގައި، އެ މުއްސަނދިކަމާއި ފާގަތިކަން ހޯދާ އިރުގައި، އެ ހަގީގަތް ވަރަށް ބޮޑަށް ސިކުނޑީގައި ބަހައްޓަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ގާނޫނުތަކުގެ ތެރެއިން ހަނި ފުރުސަތުތައް ހޯދައިގެން އަޅުގަނޑުމެން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، އަދި އަމުދުން އަޅުގަނޑުމެންގެ އިސްލާމްދީނުގައި ހުއްދަ ނުކުރާ ދިމަދިމާއަށް އަޅުގަނޑުމެން އެ މުއްސަނދިކަން ހޯދުމުގެ ތެރެއަށް ދާން ވިސްނާކަމަށް ވަންޏާ، އެއީ އަޅުގަނޑުމެން އަމިއްލައަށް މުސްތަގުބަލު ހަލާކުކުރަނީ، އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލު މި ހަލާކުކުރަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާ އިރުގައި، އިންތައް ހިފަހައްޓަން ވަރަށް ވިސްނަންޖެހޭނެ ކަމަށާއި ދިވެހީންގެ އަގީދާ، އިސްލާމްދީން ބުނެދޭ ހަމަތަކުގެ މަތިން މުއްސަނދިކަން ހޯދަން މަސައްކަތްކުރީމަ، އެކަމުގައި ބަރަކާތް ލައްވާނެ ކަމަށެވެ.
ކައިރީގައި އޮންނަ ސަފާރީއެއްގައި، ރަށުގެ އިހުތިސާސް މިންކޮށްފައި 700 މީޓަރު އެޅޭ ހިސާބުން އެއް ފޫޓު ބޭރުގައި ސަފާރީއެއް ބާއްވައިގެން އެއަށް ސިއްރު ސިއްރުން ގެސްޓުން ގެންގޮސްގެން، ރާ ވިއްކައި ރާ ދީ ހަދައިގެން، އަނެއްކާ އަނބުރާ ރަށަށް ގެނެސް، އެފަދަ ކަންތައްތައް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގަބޫލުކުރުންތައް، އަޅުގަނޑުމެންގެ އަގީދާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އެކަމަކަށް ހުއްދަ ނުކުރާ، ނޫނިއްޔާ އަޅުގަނޑުމެންގެ މާހައުލުގެ ތެރޭގައި ހިނގައިގެން ނުވާނެ ކަންކަމުގެ ތެރެއަށް މި އިންޑަސްޓްރީގެ ތެރެއިން އަޅުގަނޑުމެންގެ ކުޑަކުދިންނާއި، އަޅުގަނޑުމެންގެ އާއިލާތައް ވަަދެގެން ދިއުމަށް ފުރުސަތުދިނުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫންކަން، އެ ވާހަކަ ދަންނަވާލަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ، އެ މައްސަލައާ ގުޅޭގޮތުން ކުޑަކުދިންތަކެއް އެ މަނިކުފާނަށް ދެއްވި މެސެޖެއް ވިދާޅުވެދެއްވައިފައެވެ.
"ކޮއްކޮމެން ބޭނުން ބީޗަށް ދާން، އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް، ރެސްޓޯރެންޓުގައި ވެސް، މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން،" ކުރެހުމަކާއެކު ރައީސަށް އެރުވި ލިޔުންކޮޅެއްގައި އެ ކުދިން ފާހަގަކުރިއެވެ.
އއ. އުކުޅަސް
އއ. އުކުޅަސް
އއ. އުކުޅަސް