އިންޑިއާގެ ވިޔަފާރީގެ މައި ސިޓީ މުމްބާއީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.

މުމްބާއީ އަށް އިއްޔެ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު އެސިޓީގެ އަސާސީ ހިދުމަތްތައް ހުއްޓިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ވިއްސާރައިގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މީހުން އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވާ ކަމަށާއި އެސިޓީގެ މަގުތައް ފެންބޮޑުވެ ދަތުރުފަތުރުތައް ހުއްޓިފައިވާ ކަމަށެވެ. މުމްބާއީގެ ރޭލު ތަކާއި ވައިގެ ދަތުރުފަތުރު ވެސް ކެންސަލް ކުރަން ޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ވަނީ ފެންބޮޑުވެ ގިނަ ސަރަހައްދުތަކުން ނަރުދަމާ ފަޅައިގެންގޮސް ލީކުވެ ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ.

މުމްބާއީގެ އޮފިޝަލުން ވަނީ މީހުން ތޮއްޖެހިފައިވާ ސަރަހައްދަަކުން ރެސްކިއުޓީމުތަކުގެ އެހީގައި 600 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް ބުނެފައެވެ. އޭގެ ތެރެއިން 23 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ ވޭތުވެދިޔަ ހަތަރު ދުވަސްތެރޭ މުމްބާއީއަށް 800 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ބުނެފައެވެ. އަދި އެއިދާރާއިން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރަތް އެލާޓް ނެރެފައެވެ.