ޑރ. މައުމޫން އާސިމްގެ ރޭންކް ބަދަލުކުރިއަސް ވަކީލުގެ ފީއަށް 35،000 ދޭން ޖެހޭނެ ކަަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަ އަކ،ީ ޑރ. މައުމޫން އާސިމް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގެ "ކޮންސަލްޓަންޓް އިންޖެނެރަލް ސާޖަރީ"ގެ ވަޒީފާ އަދާކުރަމުން ދިޔައިރު، ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނާސް ޖޮބް މެޓްރިކްސް ގެ ދަށުން ހައްގުވާ ރޭންކް (ރޭންކު 10-ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓް) ދީފައިނުވާތ،ީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް 23 އޭޕްރީލް 2024 ގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޑރ. މައުމޫން އާސިމް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އޭނާ އެދިފައިވަނީ، ޖޮބް މެޓްރިކްސް ގެ ދަށުން އޭނާއަށް ހައްގުވާ ރޭންކަށް ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅައި ދިނުމާއެކު، އެ ޖޮބް މެޓްރިކްސް އަށް އަމަލުކުރަންފެށި ތާރީހުން ފެށިގެން އޭނާއަީ ރޭންކް 10 ގެ މަގާމުގައި ހުންނަންޖެހޭ މުވައްޒަފެއްކަމަށް ކަނޑައަޅައިދިނުމާއެކު، އެ ރޭންކަށް އޭނާ ހިޖުރަކޮށްދިނުމަށް ސީއެސްސީގެ މައްޗަށްއަމުރުކޮށްދިނުމަށެވެ.

މީގެ އިތުރުން ރޭންކް ތަފާ ތުވުމުގެ ސަބަބުން ޑރ. މައުމޫނަށް މުސާރައިން އުނިވެފައިވާ ފައިސާ ލިބެންޖެހޭކަމަށް ކަނޑައަޅައިދި ނުމަށާއި އޭނާ އަދާކުރަމުންދިޔަ ވަޒީފާގެ ގޮތުންނާއި ޖިންސަށް ނިސްބަތްކޮށް ތަފާތުކުރުން ގެންގުޅެފައިވާތީ ރަމްޒީ ބަދަލެއްގެ ގޮތުގައި 5,000 ރުފިޔާ ނަގައިދިނުމަށާއި އެ މައްސަލައިގައި ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ހޭދަވި 35,000 ރުފިޔާ ނަގައިދިނުމަށް ވެސް އެދިފައިވެއެވެ.

މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން، ޑރ. މައުމޫން އެދުނު ކަންކަން ސީއެސްސީން ކޮށްދިނެވެ.

އެހެންކަމުން ޓްރައިބިއުނަލުން ނިންމީ، ޖޮބް މެޓްރިކްސްގެ ދަށުން ހައްގުވާ ރޭންކާ ގުޅިގެން ލިބިދިނުމަށް އޭނާ އެދިފައިވާ ކަންކަމަށް ހައްލު ލިބިފައިވާ ކަމަށް ކަމަށެވެ.

ނަމަވެސް ޑރ. މައުމޫނުގެ ފަރާތުން ތަކުރާރުކޮށް ޝަކުވާ ހުށަހެޅުމުން ވެސް، ރޭންކް ބަދަލުކޮށްފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށް ސީއެސްސީން ބުނާ ބުނުން ސާބިތުކޮށްދެވިފައި ނުވާތ،ީ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މުވައްޒަފަކަށް ހައްގުވާ ރޭންކެއް ނުދިނުމަކީ ސީއެސްސީން ވެފައިވާ އިހްމާލެއް ކަމަށްވާތީ، އެ އަމަލު ތަކުރާރު ކުރުމުން ދުރުކޮށް އިސްލާހުވުމަށް ސީއެސްސީއަށް ބާރު އެޅުމުގެ ގޮތުން، ކުރިއަރާފައިވާ ތަފާތު ޖުރިސްޑިކްސްތަކުގައި ގާއިމުވެފައިވާ 'ޕިއުނިޓިވް ޑެމޭޖެސް' ނުވަތަ 'އެގްޒެމްޕަލަރީ ޑެމޭޖަސް' ގެ ގޮތުގައި 20،00 ރުފިޔާ ޑރ. މައުމޫނަށް ނަގައިދިނުމަށާއި ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ހޭދަވި 35,000 ރުފިޔާއަކީ ސީއެސްސީން ޑރ. މައުމޫނަށް ދޭންޖެހޭ ފައިސާއެއް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ޓްރައިބިއުނަލްގެ މި ނިންމުމާ ހިތްހަމަ ނުޖެހިގެން ސީއެސްސީން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ނަމަވެސް މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް އެ މައްސަލައިގައި ހިމެނޭ، ވަކީލުގެ އެހީތެރިކަަން ހޯދާފައިވާތީ ދޭންޖެހޭ 35,000 ރުފިޔާގެ ބައި ފިޔަވައި ދެންހުރި ބައިތައް އުނިކުރަން ސީއެސްސީން އެދުނެވެ.

އެހެންކަމުން މި މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަން ޖެހެނީ އެ ފައިސާއަކީ ދޭންޖެޙޭ ފައިސާއެއްތޯ ކަނޑައެޅުމަށެވެ.

މި މައްސަލައިގައި ދެފަރާތުގެ ވާހަތައް އަޑުއެހުމަށްފަހު، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް ހައިކޯޓުން އިއްޔެ ހުކުމްކުރީ ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި ޑރ. މައުމޫނަށް 35،000 ރުފިޔާ އޭން ޓްރައިބިއުނަލުން އަންގާފައިވާ އެންގުން ބާތިލް ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.