ނެޓްފިލްކްސްގެ އެންމެ ކާމިޔާބު ޝޯގެ ރެކޯޑް ބިންދާލާފައިވާ "ވަން ޕީސް" ސީރީޒްގެ ތަރި ޓެޒް ސްކައިލާ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި އައްޔަނުކޮށްފިއެވެ.

ވިޒިޓް މޯލްޑިވްސް އިން މިއަދު ބުނީ ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަމާއި ސަގާފީ މުއްސަނދިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ހާއްސަކޮށް އެޑްވެންޗާ ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރްމޯޓްކުރުމުގައި ސްކައިލާ ހަރަކާތްތެރިވާނެ ކަމަށެވެ.

މި މަހު 27 އޯގަސްޓު އިން 15 ސެޕްޓެމްބަރުގެ ނިޔަލަށް ސްކައިލާ ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށާއި މި ދަތުރުގައި ރާއްޖޭގެ މަޖާކަންތައްތަކާއި ކެއުމުގެ ދާއިރާ ދުނިޔެއަށް ދައްކުވައިދޭ މާކެޓިން ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

ވަން ޕީސްގައި ހުނަރުވެރި ކައްކާ، ސަންޖީގެ ރޯލުން ފެންނަ ސްކައިލާގެ އިންސްޓަގްރާމުގައި 1.8 މިލިއަން ފޮލޯވަރުން ތިބެއެވެ. އޭނާގެ ޕޯސްޓުތަކުގެ ރީޗު ބޮޑު ކަމަށާއި މިއީ ބައިނަލްއަގުވާމީ އޯޑިއަންސަށް ރާއްޖޭގެ ޓޫރިޒަމް ފޯރުކޮށްދިނުމަށް އޮތް ފަހި ފުރުސަތެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

ވިޒިޓް މޯލްޑިވްސް އިން މީގެ ކުރިން ވަނީ ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް ވެސް ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސިކަން އިއުލާނުކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމާ ގުޅޭ އެއްވެސް ކަމެއް ކެޓްރީނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް، އިޝްތިހާރުކޮށްފައެއް ނުވެއެވެ.