މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ބަދަލުކޮށް، މީޑިއާ ކޮމިޝަންގެ ބިލު އަލުން މަޖިލީހަށް ހުށަހެޅުއްވީ ރާއްޖޭގެ މީޑިއާ ބާރުވެރިކުރުވުމުގެ މަގުސަދުގައި ކަމަށް އެ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ރޭ ވިދާޅުވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ހަންނާން ވަނީ މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހުރިހާ މެންބަރުންވެސް މި ބިލަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ރާއްޖޭގެ ބްރޯޑްކާސްޓް ކޮމިޝަންގައި މިހާރު މުޅީންވެސް ތިއްބަވަނީ ރައީސް ނަން ފޮނުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މެންބަރުން ކަމަށާއި ނަމަވެސް މިހާރު ހުށަހެޅިފައި އެވާ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިހާބު ވާ ނޫސްވެރީންނަށް ކަމަށް ހަންނާން ވިދާޅުވިއެވެ. އެގޮތުން އެ ކޮމިޝަންގައި ހިމެނޭ 7 މެންބަރުން ކުރެ 4 މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުން ކަމަށް ހަންނާން ވިދާޅުވި އެވެ.
"މި ބިލުގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެ. ތެދު ހަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ. ދައުލަތުގެ 4 ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެ." ހަންނާން ވިދާޅުވެފައިވެ އެވެ.
އަދި، މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ ބޭކާރު ބޮޑެތި ހަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާކަމަށް ބުނެ ފާޑުކިޔަމުންދާތީ، އެކަމަށް ހައްލު ހޯދައިދީ، މީޑިއާ ރެގިއުލޭޓް ކުރަން ދައުލަތުން ހިނގާ ހަރަދު ކުޑަކޮށް، މީޑިއާގެ ބަސްވިކޭ ބާރުހުރި މުއައްސަސާއެއް އުފެއްދޭނެ މަގު މި ބިލުން ފަހިކޮށްދީފައިވާނެ ކަމަށް ހަންނާން ވިދާޅުވެފައިވެ އެވެ.
ހަންނާން ހުށަހަޅުއްވާފައިވާ މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭ ގޮތަށް ހިމަނައިފައިވެއެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.
މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
- ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން
ބިލްގައިވާ ގޮތުން ކޮންޓެންޓާ ގުޅޭ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލަ ބަލާނީ މީޑިއާ ކޮމިޝަންގެ މެންބަރުންނާއި މީޑިއާ ތަމްސީލް ކުރާ ހަތަރު މީހުން އެކުލެވޭ ދާއިމީ ކޮމިޓީއަކުންނެވެ. ކޮމިޓީގެ ނަމަކީ "މީޑިއާ ކޮންޓެންޓް އެޖޫޑިކޭޝަން ކޮމިޓީ" އެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފެށުމުން ބައެއް ނޫސްވެރިންވަނީ މަޖިލީހުގެ ގެލެރީގައި ހިމޭން އިހުތިޖާޖެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ހެލްތު މިނިސްޓަރު ގީލާ އަލީ
ރިޕޯޓް