މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ބަދަލުކޮށް، މީޑިއާ ކޮމިޝަންގެ ބިލު މަޖިލިހަށް ހުށަހަޅައި ބިލުގެ އިބުތިދާއީ ބަހުސް ހޫނުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަަހަރުގެ ދެވަނަ ދައުރު ނިންމާލައިފި އެވެ.
އަމިއްލަ ހައިސިއްޔަތުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
ބިލުގެ އިބުތިދާއީ ބަހުސްގައި އިދިކޮޅު އެމްޑީޕީ އަދި ޕީއެންސީގެ މެންބަރުން ބައިވެރިވެޑައިގެން ވާހަކަ ދެއްކެވި އެވެ.
މަޖިލިސް ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ފުރަތަމަ ކިޔުން އިއްވައި އިބުތިދާއީ ބަހުސް ފަށާފައިވާ މީޑިއާގެ ބިލަށް ހުރިހާ މެންބަރުންވެސް ވާހަކަ ދައްކަވަން ބޭނުންވާ ކަމަށެވެ. އަދި މިހާތަނަށް ވާހަކަ ދެއްކެވި މެންބަރުންގެ ވާހަކައިން އެ ބިލު އިތުރަށް ދިރާސާކުރަން ބޭނުންވާކަން ހާމަވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ގަސްތުކުރަނީ މި ބިލުގެ ބަހުސް މިއަދަށް ނިންމާލަން، ނިންމާލާފަ އިއްޒަތްތެރި މެންބަރުން ބިލު ރަނގަޅަށް ދިރާސާކުރައްވައިގެން ވަޑައިގެން މި ބިލަށް ހަގީގަތުގެ މައްޗަށް ވާހަކަދައްކާނެ ޖާގަ ދިނުމުގެ ގޮތުން މިހާ ހިސާބަށް މިއަދަށް މި ބިލުގެ ބަހުސް އަޅުގަނޑު ނިންމާލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެއަށްފަހު އަބްދުއްރަހީމް ވަނީ މަޖިލީހުގެ މިދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ދެއްވައިފައެވެ. އެގޮތުން މި ދައުރުގައި 7 ބިލުގެ މަސައްކަތް ނިންމައި ފާސްކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
އެއަށްފަހު މަޖިލީހުގެ މިދައުރު ނިންމާލިކަން ވަނީ އިއުލާނުކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު މި މަހުގެ 21ގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މި މަހުގެ 15 އަށް މި ދައުރު ނިމޭނެ އެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ:
- ފުރަތަމަ ދައުރު - 1 ފެބްރުއަރީން 15 މޭގެ ނިޔަލަށް
- ދެވަނަ ދައުރު - 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް
- ތިން ވަނަ ދައުރު - 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށް
ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު އެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުއެވެ.
އާއިޝަތު މާހާ
ދަނޑުވެރިން
ހެލްތު މިނިސްޓަރު ގީލާ އަލީ
އިރާނު-އިޒްރޭލު ހަނގުރާމަ
ހޮލީވުޑް