ޔޫކްރޭނާއި ރަޝިޔާ އަދި އެމެރިކާ އެއްކޮށް މަޝްވަރާއަކަށް ދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ޔޫކްރޭނުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓްހައުސް ގައި ރޭގެ ވަގުތެއްގައި ބައްދަލުކުރައްވައިފައިވާއިރު އެބައްދަލުކުރެއްވުމުގައި ތިން ގައުމު އެއްކޮށް މަޝްވަރާއަށް ދިއުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޔޫކްރޭނުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ހަނގުރާމަ ކޮޅެއްގައި ޖައްސައި ސުލްހަ ގާއިމުކުރުމަށް ތިން ގައުމު ގުޅިގެން މަޝްވަރާއަށް ބައްދަލުކުރަން ޖެހޭ ކަން ފާހަގަކުރައްވައިފައެވެ.

ޓްރަމްޕް ވަނީ ވައިޓްހައުސްގެ ބައްދަލުވުން ރަނގަޅަށް ގޮސްފިނަމަ ޓްރައިލެޓްރަލް ބައްދަލުވުމަކަށް ދާން ތައްޔާރު ކަމަށް ވިދާޅުވެފައެވެ.

ޒެލެންސްކީ ވެސް ވަނީ ހަނގުރާމަ ހުއްޓާލުމުގެ ކަންކަމުގައި ތިން ގައުމު އެއްކޮށް ބައްދަލުކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ޔޫކްރޭނުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ ސިފައިން އެ ހަނގުރާމައިގައި ޔޫކްރޭނު ފަޅީގައި މަސައްކަތް ކުރުމަށް ނުފޮނުވާނެ ކަމަށެވެ.