ދެހާސް ހަތާވީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށް ނިންމުމަށް ފެނާއި ނަރުދަމާގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުހައްމަދު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ދެހާސް އަށް ވަނަ އަހަރުގެ އޯގަސްޓް 25 ވަނަ ދުވަހު އަމަލު ކުރަން ފެށި މި ގާނޫނުގައި، ގާނޫނަށް އަމަލުކުރަން ފަށާތާ ފަސްއަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކުރަން ވާނެ ކަަމަށް ވަނީ ބުނެފައެވެ.

ނަމަވެސް އޭގެ ފަހުން އައި އެއްވެސް ސަރުކާރަކަށް އެކަން ކުރެވިފައެއް ނުވެއެވެ.

ނަމަވެސް އާއްމު ބޭނުންތަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފެން ތަހުލީލުކުރާ ލެބޯޓްރީތައް ގާއިމްކޮށް، އެތަންތަނުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް ބުނާ މި ގާނޫނުގެ އަށްވަނަ މާއްދާގެ (ފ) އުނިކުރަން މި ބިލްގައި ވަނީ ހިމަނައިފައެވެ.

އޭގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ބަލަހައްޓާ އިދާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވިލަރެސްކުރުމާއި، އެ އިދާރާގެ ޕްލޭންތަކާއި ސްޓްރެޓަޖީތައް މިނިސްޓްރީން މޮނިޓާކުރަން ޖޭހެކަމަށް އޮތް (ޏ) ވެސް އުނިކުރަން ވަނީ ހިމަނައިފައެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ފަރާތްތަކުން ގައުމީ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތީން، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ކަނޑައަޅާ ޕްލޭނެއް ކޮންމެ އަހަރެއް ފެށުމުގެ ކުރީން މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށާއި، އެ އަހަރުގެ ތެރޭގައި ޕްލޭން ތަންފީޒުކުރެވުނު ގޮތުގެ ރިޕޯޓު އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށާއި އޮތޯރިޓީއަށް ހުށަހަޅަންވާނެކަމަށް ބުނާ، އެ ގާނޫނުގެ 15 ވަނަ މާއްދާ އުނިކުރަންވެސް ވަނީ ހިމަނައިފައެވެ.

ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ނިޒާމު ގާއިމުކުރުމުގެ ހުއްދަ ދޭން ވާނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގައިވާއިދުގައިވާ ގޮތުގެމަތިން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި، އެ ރިޕޯޓު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ފާސްކުރުމަށްފަހުކަމަށްވެސް މި ބިލްގައިވަނީ ބުނެފައެވެ.