ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ނުވަ ރަށެއްގައި ވަނީ އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްފައެވެ. އެއީ ބ. ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ދޮންފަނު، މާޅޮސްގެ އިތުރުން ކަމަދޫ، ކުޑަރިކިލު އަދި ކެންދޫއެވެ.
މިއަދު މާޅޮހުގައި ހުޅުވި އޭޓީއެމްއާ އެކު ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ވަނީ ދޭން ފެށިފައެވެ.
މާޅޮހުގައި މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެރަށުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށިގެން ގޮސްފައިވަނީ ރައީސްގެ ހާއްސަ އިރުޝާދުގެ ދަށުން ކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް އެ ކުންފުނިން ފެށި ހާއްސަ މަޝްރޫއުގެ ދަށުން ހާސިލްވި ލަނޑުދަނޑިއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން މިއަހަރު 47 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށާފައިވާ ކަމަށާއި ހަތް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކޮށްފައިވާ ކަމަށެވެ. އެއީ ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅު ކަމަށެވެ. އަދި އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އޭޓީއެމްތައް ގާއިމް ކުރެވި މި މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލުމަކީ އަމާޒެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ