ރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން މި މަހު 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް އިސްލާމިކް ހަމަޖައްސައިފިއެވެ

މި އަހަރުގެ ޒަކާތު ކޮންފަރެންސްގެ ތީމަކީ "ޒަކާތު ފޯ ސޯޝަލް ޖަސްޓިސް އެންޑް ޑިޖިޓަލް އިންކްލޫޝަން: އެޑްވާންސިން ސޯޝަލް ވެލްފެއާ ތުރޫ އިނޮވޭޝަން" އެވެ.

ބީއެމްއެލުން ބުނީ، ޒަކާތު ކޮންފަރެންސަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެއް ކަމަށެވެ. މި ކޮންފަރެންސްގައި އިލްމުވެރިންނާއި ޒަކާތުގެ މަސައްކަތުގެ ބައިވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މުޖުތަމައުގެ އިސްވެރީން ގުޅިގެން، އިޖުތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ ސިޔާސަތުތައް ދެނެގަތުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓާއި ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދެއެވެ. އަދި އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންއާއި ކޭޝް ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިންގެ އިތުރުން އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކަކީވެސް ބީއެމްއެލްއެލް އެވެ އަދި އެއީ އިސްލާމިކް ކްރެޑިޓްކާޑު ދޫކުރާ ހަމައެކަނި ބޭންކު ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

މި އަހަރަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތަށް ދިހަ އަހަރު ފުރުނު އަހަރެވެ. ބީއެމްއެލް އިސްލާމިކުގެ ދިހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ ދިހަ ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ބޭންކުން ވަނީ ފަށާފައެވެ.

ބީއެމްއެލުން ބުނި ގޮތުގައި އެ ޕްރޮމޯޝަންގައި ބީއެމްއެލް އިސްލާމިކްގެ ހިދުމަތް މިހާރު ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނާއި މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.