ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު މި މަހުގެ 21ގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މި މަހުގެ 15 އަށް މި ދައުރު ނިމޭނެއެވެ.

މަޖިލީހުގެ މި ދައުރުު ދަންމާލަން ނިންމީ ނުނިމި ހުރި މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމުން ކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

މަޖިލީހުގެ ދައުރު ދަންމާލަން ފެންނަ ކަމަށް ފާސްކުރީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ:

  • ފުރަތަމަ ދައުރު - 1 ފެބްރުއަރީން 15 މޭގެ ނިޔަލަށް
  • ދެވަނަ ދައުރު - 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް
  • ތިން ވަނަ ދައުރު - 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށް

ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު އެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުއެވެ.