ރާއްޖެއަށް ލިބިފައި އޮންނަ 1،000 ހައްޖު ކޯޓާގެ ތެރެއިން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ ކިއުގެ ތެރެއިން 850 މީހުންނަށް މިއަހަރު ފުރުސަތު ދީފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެެއްޖެ އެވެ.

މި އަހަރު (2025) ގައި ހައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓުގެ ތަރުތީބުން ހައްޖަށް ގެންދިޔައީ ކިތައް މީހުންތޯ ސާފުކުރެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ވަނީ ހާޒިރުކޮށްފަ އެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެން ޒިޔާދުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ ހައްޖު ކިޔުއިން 850 މީހުންނަށް ފުރުސަތު ދިނުމަށްފަހު އުމުރުން 75 އަހަރުން މަތީގެ 44 ފަރާތަކަށް އެހީތެރިން ގެންދަން ފުރުސަތުދިން ކަމަށެވެ.

އިތުރު 50 ޖާގަ ސަރުކާރު ހަރަދުގައި ހައްޖަށް ގެންދާ ފަގީރުންގެ ލިސްޓުން 50 ފަރާތަަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ބާކީ 100 ޖާގަ ދީފައިވަނީ ބަލިމީހުންގެ އެހީތެރިންނަށާއި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ތެރެއިން އަވަސް ފުރުސަތެއްގައި ހައްޖަށް ނުދެވިއްޖެނަމަ އެ ފުރުސަތު ނުލިބިދާނެހެން ހީވާ ފަރާތްތަކަށާއި ހާއްސަ ހާލަތްތަކުގައިވާ މީހުނަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވާހަކަ ދައްކަވަނީ. -- (ފޮޓޯ/ މަޖިލިސް)

ޝަހީމްގެ ޖަވާބާ ގުޅިގެން އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރު ޒިޔާދު ވަނީ ހައްޖު ކޯޕަރޭޝަންގެ ވެރީންނާއި އާއިލާގެ ބޭފުޅުން ހައްޖަށް ދަނީ 1،000 ކޯޓާގެ ތެރެއިންތޯ ސާފުކުރެއްވުމަށް އިތުރަށް ސުވާލު ކުރައްވައިފަ އެވެ. އަދި އެ އަހަރަކު ހައްޖަށް ދެވޭނެ މީހުން އާންމުކޮށް އެނގޭނެ ނިޒާމެއް އޮވޭތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.

އޭގެ ޖަވާބުގައި ޝަހީމް ވިދާޅުވީ ހައްޖު ކޯޓާ ފޯރުކޮށްދިނުމުގައި ވަކި އާއިލާއަކަށް ވަކި މީހަކަށް ނުބަލާ ކަމަށާއި އުސޫލުތައް އެގޮތަށް ތަން ނުދޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖުވެރިން ބެލެހެއްޓުމަށް ދާ އެހެނިހެން އެހީތެރިންނާއި ކައްކާއިންނާއި ނަރުހުންނާއި ޑޮކްޓަރުންނަށްވެސް ފުރުސަތުދެނީ އެ 1،000 ޖާގައިގެ ތެރެއިން ކަމަށެވެ.

"އެހެންކަމުން ވަކި ބޭފުޅެއްގެ އާއިލާގެ މީހަކަށްވީތީ އެ މީހަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފުރުސަތެއް ނުދޭނެ،" ޝަހީމް ވިދާޅުވި އެވެ.