މި ސަރުކާރުން މަސައްކަތްކުރަނީ ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިކޮށް، ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ކެންދުއަށް ވަޑައިގެން، ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.
"ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ކުރުމަށާއި ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ. އެހެންވީމާ މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ފަޅީގައި، ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރަން. މި ސަރުކާރު މިއަދާ ހަމައަށް ވެސް މިއައީ އެގޮތަށް. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައިވެސް އަޅުގަނޑުމެން ގެންދާނީ އެގޮތަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލުތަކުން ރައްޔިތުންނަށް ފައިދާ ނުވާނެ ފަދަ ގޮތަކަށް ފައިސާ ބޭނުންކޮށްގެން ބޮޑެތި ހަރަދުތަކެއް ކުރަމުންދާ ކަމަށާއި ހަގީގަތުގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރުމަކީ ނުގަވާއިދުން ފައިސާ ބޭނުންކުރަން އޮންނަ މަގުތައް ބަންދުކޮށް، ސީދާ ރައްޔިތުން ބާރުވެރިކުރުން ކަމަށެވެ. އަދި ގާނޫނަށް ގެނައި އިސްލާހު ގެންނަވާފައިވަނީ ކައުންސިލުތަކުގެ ލޯކަލް އޮތޯރިޓީ ކުންފުނިތައް ރައްޔިތުންގެ ވިޔަފާރިތަކުގެ ތެރެއަށް ވަންނަ ވަނުން ހުއްޓުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކިހިނެއް މިވަނީ، ލޯކަލް އޮތޯރިޓީ ކުންފުނި ކައުންސިލުން ހަދައިގެން އާންމު ރައްޔިތުން ކުރާ ވިޔަފާރީގެ ތެރެއަށް ވަނީމާ ރައްޔިތުންނަށް ވާނީ ކިހިނެއް، ރައްޔިތުންގެ ވިޔަފާރި ގެއްލޭނީ. އެހެންވީމާ އާންމު ރައްޔިތުން ރަށުގައި ކުރާ ވިޔަފާރީގެ ތެރެއަށް ކައުންސިލުގެ ކުންފުނި ނުވަންނަ ގޮތަށް މި ބަދަލުކުރަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކައުންސިލުތަކުގެ ކުންފުނިތަކުން ވަންނަންވާނީ ބޮޑެތި ވިޔަފާރިތަކުގެ ތެރެއަށް ކަމަށާއި ގާނޫނަށް ގެނައި އިސްލާހަކީ އެއީ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު