އެންސިސް ފިޝަރީޒް އިން ހުޅުމާލޭގައި ހަދާފައިވާ މަސް ފެކްޓަރީ މިފްކޯއިން ގަންނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެމުންދާ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ކުރުމުގެ ކުރިން އެންސިސްގެ އޮޑިޓެއް ހަދަން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ އަހްމަދު ޝަމްހީދު ގޮވާލައްވައިފި އެވެ.

ޝަމްހީދު މި މޭރުމުން ވާހަކަ ދެއްކެވީ އެމްޕީއެލް އިން 2018 އިން 2020އާ ދެމެދު ޑީސަލް ގަތުމުގެ މުއަމަލާތުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު މާލިއްޔަތު ކޮމެޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.

ޝަމްހީދު ވިދާޅުވީ ކޮންމެ ސަރުކާރަކުން އޭގެ ކުރީ ސަރުކާރުގެ ކޮރަޕްޝަންތަކުގެ މައްސަލަތައް ބަލައިގެން ކޮރަޕްޝަންގެ މައްސަލަތައް ނުހުއްޓުވޭނެ ކަމަށެވެ. އެކަން މާލިއްޔަތު ކޮމެޓީގައި އެ މައްސަލަ ދިރާސާކުރެއްވިއިރު ކޮމެޓީގެ މެންބަރުންނަށް ވިސްނައިދެއްވަން މަސައްކަތްކުރެއްވި ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

"މިއަދު މިދެތިން ދުވަހު އަޅުގަނޑުމެންނަށް އަޑުއިވިގެން މިދަނީ ދައުލަތުން ހަސަތޭކަ ވަރަކަށް މިލިއަން ރުފިޔާ ނުވަތަ 40 މިލިއަން ޑޮލަރަށް ފެކްޓަރީއެއް ގަންނަން އުޅޭ ހަބަރު. މި ގައުމުގެ ކުރީގެ ރައީސެއް ރޭގައި ވިދާޅުވި މިއީ ބައި އަޅަންވެގެން ކުރާ ކަމެކޭ،" ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ގައުމުގެ ރައީސްކަން ކުރައްވާފައި ތިއްބެވި ފަރާތްތަކުން ކުރައްވާ އެފަދަ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މި މަޖިލީހުގެ ވަރަށް ބޮޑު ޒިންމާއެއް މިފަދަ ޓްރާންސެކްޝަނެއް ހިނގާއިރު މި ހިނގާ ނުހިނގާ ގޮތް ބެލުން، އެއީ މާލިއްޔަތު ކޮމެޓީގެވެސް ޒިންމާއެއް،"

"އަޅުގަނޑު ގޮވާލަން މިފަދަ މުއާމަލާތެއް ހިންގާކަމަށް ވާނަމަ އެންމެ ފުރަތަމަ މިނިވަން އޮޑިޓެއް ހަދަން، އިންޑިޕެންޑެންޓް އިވެލުއޭޝަނެއް ހަދަން، އެހެން އެ ވާހަކަ އަޅުގަނޑު ނަންގަންނަން މިޖެހެނީ މި ފެކްޓަރީ ހުޅުވިއިރު ނުވަތަ މަސައްކަތްކުރިއިރު އެބަ ބުނޭ 15 މިލިއަން ޑޮލަރޭ މިތަނުގެ އަގަކީ މިހާރު އެބަ ބުނޭ 25 އޭ ވިއްކާ އަގަކީ 40 މިލިއަން ޑޮލަރޭ މިހާރު އެބަ ކިޔާ،" އެޓާނީ ޖެނެރަލްގެ އޮފީހުންވިޔަސް ނުވަތަ އެހެން ބަޔަކުވިޔަސް އެތަން އޮޑިޓު ކުރަން ޖެހޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އެތަން ގަތުމުގެ ކުރީން އެތަނަކީ ދައުލަތަށް ބޭނުން ތަނެއްތޯ ޔަގީންކުރަން ޖެހޭ ކަމަށްވެސް ޝަމްހީދު ވިދާޅުވި އެވެ. އެކަމުގެ ސަބަބަކީ ސްޓެލްކޯއަށް ބޭނުންވާ ފައިސާ ނެތިގެން ދެ ފަހަރު ގާތްގާތުގައި މާލެއިން ކަރަންޓު ކެނޑިފައިވާތީ އާއި 650 ވަރަކަށް ރުފިޔާ ދައުލަތުގެ ކުންފުނިތަކަށް ނުވަތަ އިދާރާތަކަށް ދޫނުކޮށް ހުރުމުން އަމިއްލަ ވިޔަފާރިތަކުގެ ބިލުތަކަށް ނުދައްކައި އޮތުމުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިވަރު [ފެކްޓަރީ ގަންނަން] ފައިސާ ހުރިއްޔާ އަޅުގަނޑުމެންގެ ރައްޔިތުންނަށް ދޭން ހުރި ފައިސާ ފުރަތަމަ ދޫކުރާށޭ. އެއަށްފަހުގައި އަޅުގަނޑަށް މާބޮޑު މައްސަލައެއް ނެތް ދައުލަތަށް ބޭނުންވާ ކަންކަމަށް އަޅުގަނޑުމެންނަށް ނިންމޭ ކަމަށް ވާނަމަ މިކަންކުރަން،"

"އެކަމަކު މިކަން ކުރަން ބޭނުން ނަމަ، ރާއްޖޭގައި ހުރީ އެންމެ ފެކްޓްރީއެއް ނޫން. ފަހަރެއްގައި ބިޑް ޕްރޮސެސްއެއްގެ ތެރެއިން މިއަށް ވުރެ އަގުހެޔޮކޮށް ވެސް ފެކްޓްރީއެއް ލިބިދާނެ،" ށ އަތޮޅުގައިވެސް ކޭނަރީއެއް ހުރިކަން ފާހަގަ ކުރައްވަމުން ޝަމްހީދު ވިދާޅުވި އެވެ.