ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދިނުމަށް މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރުމަށް މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލުގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދެވެ. އެ ބިލު ފާސްކުރީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ.
އެ ބިލު ހުށަހެޅި މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގުތިސޯދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކޮށް އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުވެ.
މި ބިލުގެ ދަށުން ރައްކާކުރެވޭ ފިކުރީ މުދަލަކީ "ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތުގެ ފިކުރީ މުދަލެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރީއަލް ޑިޒައިން އާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެ އެވެ.
އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ގޮތުގައި ބިލުގައި ހިމަނާފައިވާ ކަންކަން:
- ފިކުރީ މުދާ ރަޖިސްޓްރީކުރުންރަޖިސްޓަރީކުރެވޭ ފުކުރީ މުދަލާބެހޭ ދަފުތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން
- ސަރަހައްދީ އަދި ބައިނަލްއަގުވާމީ އިންޓެލެކްޗުއަލް ޕްރޮޕަޓީ ޖަމާއަތްތަކާ ގުޅުން ގާއިމުކޮށް ބަދަހިކުރުމާއެކު އެ ޖަމާއަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުންފިކުރީ މުދަލާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ބައިވެރިވުމާ ގުޅޭ ކަންކަމާއި އެ މުއާހަދާތަކުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމާއި ވިލަރެސް ކުރުން
- ފިކުރީ މުދަލުގެ ދާރިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން
- ފިކުރީ މުދަލާ ގުޅޭ ގާނޫނުތަކުގެ ދަށުން ލިބިދޭ ހައްގުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން
- ފިކުރީ މުދަލާ ގުޅޭ ގާނޫނުތަކުގެ ދަށުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދީ ގާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ ފީ ނެގުން
- ފިކުރީ މުދަލާ ގުޅޭ ގާނޫނުތަކުގެ ދަށުން އެ އޮފީހުގެ މަސްއޫލިއްޔަތުތައް ކަނޑައަޅައި އެހެން މަސްއޫލިއްޔަތުތައްވެސް އަދާކުރުން
އެ އޮފީސް ހިންގާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. އެ އޮފީހުގެ އެންމެހައި ކަންކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރުކަމަށް އެ ބިލުގެ ދަށުންނެވެ.
ނަމަވެސް އެ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ މިނިސްޓަރު އައްޔަންކުރާ ރަޖިސްޓްރާ އެވެ. މި ބިލު ފާސްވެ ގާނޫނަކަށް ވެ އެއަށް އަމަލުކުރަން ފެށުމާއެކު އެ އިދާރާ ގާއިމުކުރެވުނީ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭ އެ އޮފީހުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށަން ބިލުގައި ބުނެފައި އޮތީ ބިލު ރައީސް ތަސްދީގުކޮށް ގެޒެޓުކުރާތާ 3 މަސް ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް ބިލު ދިރާސާކުރި އިގްތިސޯދީ ކޮމެޓީން ވަނީ އަންނަ ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރން ފަށާ ގޮތަށް ބިލަށް އިސްލާހު ހުށަހަޅާފަ އެވެ. ބިލު ފާސްކުރީ ކޮމެޓީން އިސްލާހުގެނަ ގޮތަށެވެ.
އެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައިން ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެއްސެއް ކަމުގައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ސާބުތުވެފައިވާ މީހަކު ކަމުގައި ނުވުން، އިންތިހާބީ މަގާމެއް އަދި ސަރުކާރުގެ އިދާރާއެއްގައި ވަޒީފާއަދާކުރާ ފަރާތެއް ކަމުގައި ނުވުން ހިމެނެ އެވެ. އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ނުވުމާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ނުވަތަ ގާނޫނީ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް އޮތް މީހަކަށްވެސް ވާން ޖެހެ އެވެ. ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ އާއި އެއްވެސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރަކަށްވެސް ވެގެން ނުވާނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. ކޮމެޓީންވަނީ އެ ދާއިރާއަކީ ޓެކްނިކަލް ދާއިރާއަކަށްވުމުން މީހުން ހޯދުމަށް ދަތިވެދާނެތީ ތަޖުރިބާގެ މުއްދަތު 5 އަހަރަށް ކުރުކޮށްލަން ބިލަށް އިސްލާހު ހުށަހަޅާފަ އެވެ. ބިލު މަޖިލީހުން ފާސްކުރި ކޮމެޓީން ގެނެސްފައިވާ އިސްލާހުގައިވާ ގޮތަށެވެ.
ރަޖިސްޓްރާގެ ދައުރުގެ މުއްދަތަކީ 5 އަހަރެވެ. ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓްރީ ކުރާ ފިކުރީ މުދަލުގެ ދަފުތަރެއް ރަޖިސްޓްރާ ބަލަހައްޓަން ޖެހޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެ އެވެ.
މި ބިލުގައި ބުނެފައިވާ ގޮތުގައި މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓްރާއަށް ހުށަހަޅަން ޖެހޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ އޭގައި ހުރި މައުލޫމާތުގެ ސައްހަކަން ބެލުމަކާ ނުލައި އެ ލިޔެކިޔުމާ އެއްގޮތަށް އަމަލުކުރުމުގެ އިހުތިޔާރު ރަޖިސްޓްރާއަށް ލިބިގެންވެ އެވެ. ނަމަވެސް އެއީ ސައްހަ ނޫން ލިޔެކިޔުމެއް އަދި އޭގައި ހުރި މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއްކަން އެނގޭ ހާލަތުގައި އޭގެ ޒިންމާ ރަޖިސްޓްރާ އުފުލާކަށް ނުޖެހޭނެ އެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ބޭރު ކުޅިވަރު
އެސްޓީއޯ
ވިޔަފާރި