މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު، ދައުލަތަށް ވަނީ އާމްދަނީގެ ގޮތުގައި 3.39 ބިލިއަން ރުފިޔާ ލިބިފައެވެ. އޭގެ ތެރެއިން ޓެކުހުން އެކަނިވެސް 1.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު ރާއްޖެއަށް އާމްދަނީގެ ގޮތުގައި 3.39 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް ލިބިފައިވަނީ 2.93 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެހެން ކަމުން މި އަހަރު ވަނީ 15 ޕަސަންޓުގެ އިތުރުވުމެއް އައިސްފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީވެސް މިދިޔަ މަހު ވަނީ އިތުރުވެފައެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 105.85 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 75.7 މިލިއަން ޑޮލަރެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އާމްދަނީގެ އެންމެ ބޮޑު އަދަދެއް ހިއްސާ ކުރަނީ އިންކަމް ޓެކުހާއި ޖީއެސްޓީން ލިބުނު އާމްދަނީއެވެ.