އިންޑިއާގެ ހުރިހާ އެއާޕޯޓުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް އެލާޓް ލެވެލް މަތިކޮށްފިއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސެކިއުރިޓީ ވިންގުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ފިޔަވަޅުތައް ފަރުގަދަކުރަން ނިންމާފައިވަނީ ނުރައްކަލުގެ އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިވާތީއެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސެކިއުރިޓީ ވިންގުން ވަނީ އިންޑިއާގެ އެއާޕޯޓުތަކަށް އަންނަ މަހުގެ 22 އިން ފެށިގެން އޮކްޓޯބަރުގެ ދެވަނަ ދުވަހާ ދެމެދު ނުރައްކާތެރި ހަމަލާއެއް ދޭން ރާވާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ.

އެއާޕޯޓުތަކުގެ އިތުރުން އެއާ ސްޓްރިޕްތަކާއި ހެލިޕެޑްތަކުގެ އިތުރުން ފްލައިން ސްކޫލްތަކާއި ޓްރޭނިން ސެންޓަރުތަކުން އެއެލާޓަށް އަމަލު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެފިޔަވަޅުގެ ސަބަބުން ހުރިހާ އެއާޕޯޓުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން ސަވައިލެންސް އިތުރަށް ފުރިހަމަކޮށް ފުޅާކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އެއާޕޯޓު ހިމެނޭ ސިޓީތަކުގެ ފުލުހުންވެސް އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން އިތުރަށް ބެލުމަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވެސް އަމުރުކޮށްފައެވެ.