ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ ނުދައްކާ ފަރާތައް ޖަލަށްލުމަށް، ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިރު، ޓެކްސް ނުދައްކައިގެން އޭނާ ވެސް ޖަލަށްލާންވީ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭސް ސަލީމް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން، މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރުކަންވެސް ކުރައްވާ ސަލީމް ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތަކުގެ އަދަބު ބޮޑުކޮށް ޖަލަށްލެވޭގޮތަށް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މުހިއްމު ބިލެއް ކަަމަށެވެ.
ސަބަކީ ޓެކްސްގެ ތެެރެއިން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުވަތަ ޓެކްސްފައިސާ ނުލިބުމުގެ ސަބަބުން ދައުލަތް ހިންގަން ބޭނުންވާ ފައިސާ ނުލިބޭތީ ކަމަށެވެ.
ސަލީމް ވިދާޅުވީ، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 15 ވަރަކަށް ބިލިޔަން ރުފިޔާ މިހާރު ވެސް ނުލިބި އެބައޮތް ކަމަށެވެ.
ސަލީމް ވިދާޅުވީ ޓެކްސް ދައްކާ މީހުން ބަރާބަރަށް އެކަން ކުރަމުންދިޔަަސް ޓެކްސް ނުދައްކައި ޓެކްސްއަށް މަކަރުހަދާ މީހުން ހަމަ އެގޮތުގައި ތިބި ކަމަށެވެ.
ޓެކްސްގެ ގާނޫނެއް ރާއްޖެއަށް ތައާރަފުކުރީ ވަރަށް މާތް މަގުސަދެއްގައި ކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ޓެކްސް އަށް މަކަރުހަދާ މީހުން އިތުރުވުމުގެ ސަބަބުން އެކަމުގެ މަގުސަދު ހާސިލްވަމުން ނުދާ ކަމަށެވެ.
ސަލީމް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު ދިވެހި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑެއް ނޫން ކަމަށެވެ.
ދައުލަތުގެ ދަރަނި ދައްކަނީ ޓެކްސް ފައިސާއިން ކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، އަންނަ އަހަރު ދަރަނގެ ގޮތުގައި ރާއްޖެއިން އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.
ސަލީމް ވިދާޅުވީ، ޓެކްސް ދައްކާ ފަރާތްތަކަށް ދޭން ބިލުގައި ކަނޑައަޅާފައިވާ އަދަބުތަކީ ދޭންޖެހޭ އަދަބުތަކެއް ކަމަށެވެ.
"ފައިސާއަކީ މަތިން ފައިބާ ފައިސާއެއް ނޫން، އާއްމުންގެ އަތުން ނަގާ ޓެކްސްތަކުން ހަމަ އެ ހުރިހާ ދަރަންޏަކާ އެއްޗެހި ދައްކަން ޖެހެނީ، މީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް، ކުރިއަށް އޮތީ އުނދަގޫ އަހަރުތަކެއް، އެހެންވީމާ ބަރާބަރަށް ޓެކްސް ނުދައްކާ މީހުންނަށް މީގަ ހުރި އަދަބުތަަކަކީ ވެެސް ހަމަ ދޭންޖެހޭ އަދަބުތަކެއް، އަޅުގަނޑަކީ ހަމަ ވިޔަފާރިވެރިއެއް، އަޅުގަނޑު ޓެކްސް ނުދެއްކިޔަސް ހަމަ އަޅުގަނޑު ގެންގޮސް ޖަލަށްލާންވީ، އެއީ އަޅުގަނޑަކަށް މައްސަލައެެއް ނޫން، ޓެކްސްއަށް މަކަރު ހެދިޔަސް އަޅުގަނޑާ ދޭތެރޭ އަޅަންޖެހޭ ފިޔަަވު އަޅަންވީ، އެއަކީ އަޅުގަނޑަކަށް މައްސަލައެއް ނޫން، ބަރާބަރަށް މިކަންކުރާ ބަޔަކަށް މިއަކީ މައްސަލައަކަށްނުވާނެ،"
އިބްރާހިމް ޒަކީ
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި