އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްގައި އޫރީދޫ މޯލްޑިވްސްއަށް 2025 ވަނަ އަހަރުގެ މަސައްކަތް ކުރަން އެންމެ ރަނގަޅު މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން ބްރޯންޒް ސްޓީވީ އެވޯޑް ލިބިއްޖެއެވެ.

އުރީދޫއިން މިއަދު ބުނީ އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްގެ 2025 ވަނަ އަހަރުގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާގެ "އެމްޕްލޯޔާ އޮފް ދަ އިޔާ"ގެ ބްރޯންޒް ސްޓީވީ އެވޯޑު ލިބުމަކީ އެކުންފުންޏަކީ މުވައްޒަފުން ބާރުވެރިކުރުވައި، މުވައްޒަފުންނަށް ހިތްވަރުދޭ މަސައްކަތުގެ މާހައުލެއް ގާއިމުކޮށްފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

އަދި މުވައްޒަފުންނަށް އަގުވަޒަންކޮށް، އެހީތެރިވެ، އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރުމަށް ހިތްވަރުދޭ ކުންފުނީގެ ސަގާފަތެއް ބިނާކުރުމަށް އޫރީދޫން ކުރާ މަސައްކަތް ދައްކުވައިދޭ ހެެއްކެއް ކަމަށެވެ.

އުރީދޫއިން ބުނިގޮތުގައި އެކުންފުނީގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުންނެވެ.

މުވައްޒަފުންނަށް ބާރުދީ، ގުޅުވައިދީ އަދި އަމިއްލަ ގޮތުންނާއި ފަންނީ ގޮތުން ކުރިއެރުމަށް ޗެލެންޖު ކުރެވޭނެ މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް އުރީދޫން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އަދި އެ ކުންފުނީގައި އާ ކަންކަން ތައާރަފްކުރުމަށްޓަކައި، އުރީދޫން އަންނަނީ އެކި ވައްތަރުތަކުގެ ތަމްރީނުތައް ބާއްވައި އެފަދަ އިންވެސްޓްމެންޓުތައް ކުރަމުންނެވެ.

އުރީދޫން އިތުރަށް ބުނިގޮތުގައި އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްއަކީ މި ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ ވިޔަފާރި އެވޯޑް ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ އެވޯޑެކެވެ.