ކުއްޔާއި އެހެނިހެން ބިލުތަކަށް ދައްކަންޖެހޭ ފައިސާ އެމީހާގެ އެކައުންޓުން "ޑައިރެކްޓް ޑެބިޓް" އުސޫލުން ކެނޑޭފަދަ ޕޭމަންޓު ސިސްޓަމެއް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެ ބިލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމަންޓް މޯލްޑިވްސް" ކުންފުނި އުފެއްދުމުގެ މަގުފަހިކޮށްދީ ބާރު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ.

ނާޒިމް ވިދާޅުވީ އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގައި، އެ ބިލާ ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ ސުވާލުކުރައްވާފައިވާ ކަމަށެވެ.

އެމްއެމްއޭގެ ވިސްނުމަކީ މިހާރު ބޭނުންކުރަމުންދާ ފަވަރަ ޕޭމަންޓު ސިސްޓަމް މިހާރަށްވުރެ ބޮޑަށް ތަރައްގީކޮށް ހަރުދަނާކުރުން ކަމަށް ގަވަރުނަރު ވިދާޅުވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި ޕޭމަންޓު ނިޒާމް މިހާރަށްވުރެ ބޮޑަށް ހަރުދަނާވާންވެއްޖެ ކަމަށެވެ.

"ބޭރު ގައުމުތަކުގައި ކުރިއަރާފައިވާ ގައުމުތަކުގައި ބިލުތަކަށް ފައިސާ ދައްކަނީ، ޔުޓިލިޓީ ބިލުތަކަށް ފައިސާ ދައްކަނީ މީހުންގެ އެކައުންޓުން ޑައިރެކްޓް ޑެބިޓު އުސޫލުން، އެމީހާގެ ކަރަންޓު ބިލުވެސް އަދި ފެން ބިލުވެސް ދައްކަނީ އެމީހާގެ އެކައުންޓުން ވަކި ތާރީހެއްގައި ކެނޑޭގޮތަށް އޮޓަމެޓިކުން، މީހަކު ތާކަށް ދާކަށް ނުޖެހޭ، މީހަކު ބިލު ދައްކާކަށް އުޅޭކަށް ނުޖެހޭ،" ނާޒިމް ވިދާޅުވިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ނުލިބި ހުރި ފައިސާއަށް ބަލާއިރު އެންމެ ބޮޑު މައްސަލައަކީ ކުލި ނުދެއްކުމުގެ މައްސަލަ ކަމަށެވެ.

"މި ޕޭމަންޓް ނިޒާމެއްގެ ތެރެއިން މިކަންތައް ތަރައްގީކުރެވިއްޖެނަމަ އެޕާޓްމަންޓުތަކުގެ ކުލިވެސް އެމީހާގެ ބޭންކު އެކައުންޓުން ކެނޑޭގޮތަށް ހަމަޖެހި، އެމީހާއަށް މުސާރަލިބި ނުވަތަ އެމީހާ ބުނާ ދުވަހަކު އެމީހާގެ އެކައުންޓުން ކެނޑޭގޮތަށް ހަމަޖެއްސިދާނެ،"

އެފަދަ ޕޭމަންޓު ސިސްޓަމެއް ގެނެސްފިނަމަ އެތައް ބައިވަރު އިދާރީ ހަރަދުތަކެއް ސަލާމަތްކުރެވިގެންދާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"ޕޭމަންޓް މޯލްޑިވްސް" އުފެއްދުމުގެ ބާރު އެމްއެމްއޭއަށް ލިބުމަކީ އެމްއެމްއޭއިން ވިޔަފާރީގެ ތެރެއަށް ވަނުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"ހަމައެކަނި ޕޭމަންޓް ނިޒާމެއް ތަރައްގީކޮށް ރާއްޖޭގައި ކުރިއެރުވުމަށް ދެވޭ ހުއްދައެއްމީ. އަޅުގަނޑު ގަބޫލުކުރަނީ މިކަން ފުރިހަމަކުރުމަށްފަހު އަމިއްލަ ފައި މައްޗަށް ތެދުވެވޭ ހިސާބަށް ދިޔައިމަ އެމްއެމްއޭ އިން އެ ތަރައްގީކުރި ޕޭމަންޓް ސިސްޓަމް ހިއްސާދާރުންނަށް ވިއްކާލާނެ ކަމަށް،" މިއީ ރަނގަޅު ދިމާލަކަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށް ނާޒިމް ވެސް ވިދާޅުވިއެވެ.