ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތެރޭގައި، ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭޝަލް އިންވެސްޓިގޭޝަން އޮފީހެއް ނުވަތަ ސެކްޝަނެއް ގާއިމްކުރަން އެ މައްސަލަ ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ސަރުކާރަށް ލަފާދޭން ފާސްކޮށްފިއެވެ.
ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށީ، އެކަމާ ގުޅުންހުރި އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަވެގެންނެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ބިލިއަން ރުފިޔާ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެހެންކަމުން 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށް އެކުލަވައިލި މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީގެ މުގައްރިރުގެ ގޮތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތްތަކަކީ ފުލުހުންގެ އިސްވެރިންގެ ތެރޭގައި މިހާރުވެސް ހިމެނޭ ފަރާތްތަކެއް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ފަރާތްތަކަށް ޖިނާއީ ތަހުގީގެއް ހިންގޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރުމަކީ މަސްލަހަތު ފުށުއަރާކަމެއް ކަމަށް ފާހަގަކުރެވޭތީ އާއި މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ކުށްތަކަކީ ހައްސާސް މައްސަލަތަކެއްގެ މައްޗަށްކުރެވޭ ކުށްތަކަކަށްވާތީ، މި މައްސަލައަކީ ކޮރަޕްޝަން ހިމެނޭ ހައްސާސް މައްސަލައެއްކަމަށް ކަނޑައަޅައި، އެކަަމަށް ހާއްސަ އޮފީހެއް ނުވަތަ ސެކްޝަނެސް އޭސީސީގައި އުފައްދަން އޭސީސީން ފޮނުވި ސިޓީގައި ވަނީ އެދިފަ،"
އެހެންކަމުން އެ މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީގައި ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭޝަލް އިންވެސްޓިގޭޝަން އޮފީހެއް ނުވަތަ ސެކްޝަނެއް ގާއިމުކުރަން ބޭނުންވާ މާލީ އެހީތެރިކަމާއި މުވައްޒިފުންނާއި ވަސީލަތްތަކާއި ޖާގައިގެ މައްސަލައަށް ހައްލު ހޯދައިދީ އެ ތަން ގާއިމުކޮށްދިނުމަށް ސަރުކާރަށް ރެކޮމެންޑް ކުރަން، ކަމާ ބެހޭގޮތުން ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ނާޒިމް ވިދާޅުވީ ކޮމިޓީން ކުރި ތަހުގީގުގައި ހޯދި ބައެއް މައުލުމާތުތައް ލިބިފައިވަނީ ސިއްރު މައުލޫމާތުގެ ގޮތުގައި ކަމަށެވެ. އޭގެ ތެރޭގައި އޭސީސީން ފޮނުވާފައި ހުރި، ފުލުސް އޮފިސަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ބެހޭ ނިންމުތައް ހިމެނޭތީ އެ ކަންކަމާބެހޭ ބައިތައް ސިއްރުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތަކާއި ރެކޮމެންޑޭޝަންތަކާއެކު، އެ މައްސަލައިގައި ކޮމިޓީން 104 ސަފްހާގެ ރެޕޯޓެއް އެކުލަވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ރިޕޯޓު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ސަބް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. ދެން މާލިއްޔަތު ކޮމިޓީން ފާސްކޮށް އެ ރިޕޯޓް ފޮނުވާނީ މަޖިލީހަށެވެ.
އިބްރާހިމް ޒަކީ
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން
ބޮލީވުޑް