އިންޑިއާގެ ނިކޯބާ އައިލެންޑްސްއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ނިކޯބާ އައިލެންޑްސްއަށް މިރޭ 11:41 ގައި އައިސްފައިވަނީ 6.6 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ ދައުރުކޮށްފައެވެ.

ނަމަވެސް ރާއްޖޭގެ ގައުމީ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިރޭ ބުނީ ބިންހެލުން އައިސްފައިވަނީ މާލެއާ 2215 ކިލޯމީޓަރު ދުރުން ކަމަށާއި އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ.

އިންޑިއާގެ ސުނާމީ ވޯނިން ސެންޓަރު، އިންޑިއަން ނޭޝަނަލް ސެންޓާ ފޯ އޯސަން އިންފޮމޭޝަން ސާވިސަސް (އައިއެންސީއޯއައިއެސް) އިން މިރޭ ބުނީ އެ ބިންހެލުމާ ގުޅިގެން އިންޑިއާ ކަނޑުގެ ސަރަހައްދަށް ސުނާމީގެ އެއްވެސް އިންޒާރެއް ނެތް ކަމަށެވެ.

އައިއެންސީއޯއައިއެސްގެ މައުލޫމާތުތަކުން ދައްކާގޮތުގައި ނިކޯބާ އައިލެންޑްސްއަށް 6.6 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 42 ކިލޯމީޓަރު އަޑިންނެވެ.