ކުޅިވަރު ގާނޫނަށް ދާދިފަހުން ތަސްދީގުކުރެވުނު އިސްލާހުތަކަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމާއި، ކުޅިވަރުގެ ހިންގުމަށް ޖުމުލަކޮށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށާއި، އެއީ ދުރު ރާސްތާ ޕްލޭނަށް ވާސިލުވުމުގެ ފުރަތަމަ މަރުހަލާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިިސްޓަރު އެހެން ވިދާޅުވީ ކުޅިވަރު ވަޒީރުންގެ އަގު ވަޒަންކުރުމާއި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ފެށުމުގެ ގޮތުން ހެންވޭރު މީރުމާގައި ބޭއްވި ހާއްސަ އިވެންޓްގައި ވާހަކަ ދައްކަމުންނެވެ.
"ދުނިޔޭގެ ކުޅިވަރުގެ އޮއިވަރު މިދަނީ ބަދަލުވަމުން. އިތުރު ޓެކްނޮލޮޖީއާއި ވަސީލަތްތައްވެސް ބޭނުންކުރަން ޖެހިފަ މިއޮތީ. އެހެންވީމަ އަޅުގަނޑުމެން އެންމެންގެވެސް ހިޔާލަކީ، އެބަޖެހޭ އަޅުގަނޑުމެންގެ ޕްލޭނެއް ހަދަން. ގޯލުތަކެއް އެކަށައަޅައި، އެއަށް ވާސިލުވާނެ ގޮތްތަކެއް ހޯދަން ޖެހޭ. ލޯންގް ޓާމް ޕްލޭނެއް ހަދަން އެބަޖެހޭކަން އެނގިގެން އެކަން ކުރަމުން މިދަނީ. އެކަމުގެ އެންމެ މުހިއްމު ކަމަކަށް ބެލީ، އެސޯސިއޭޝަންތަކާވެސް އެކު، ކުޅިވަރުގެ ގަވާނެންސް ރަނގަޅުކުރަން ކޮން ކަމެއްތޯ ކުރެވޭނީ. އެކަމުގެ ފުރަތަމަ މަރުހަލާ އަޅުގަނޑުމެންނަށް ގާނޫނު އިސްލާހުކޮށްގެން މި ގެނެވުނީ،" ރާފިއު ރޭ ދައްކަމުން ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ކުޅިވަރުގެ ސިސްޓަމް ކާމިޔާބުކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުންކުރާ ކަންކަން ބަލައި، ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން މަސައްކަތް ކުރައްވާކަމަށެވެ. އޭގެ ތެރެއިން ކުޅިވަރުގެ ލަނޑުދަނޑިތަކަށް ވާސިލުވާން އެކަމަށް ހަރަދުކުރެވޭނެ ރަނގަޅު ނިޒާމެއް އޮންނަން ޖެހޭ ކަމަށް ފެނިވަޑައިގެންނެވި ކަމަށާއި، އެކަމަށްޓަކައި ކުޅިވަރު ފަންޑުވެސް މިހާރު ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ "މުޅި ރާއްޖޭ ޝާމިލުވާނެ ނިޒާމަކަށް" ކުޅިވަރު އެކަށަ އަޅަން ޖެހޭ ކަމަށް ގަބޫލުކުރެވި، ގާނޫނީ ބަދަލުތަކާއެކު ރީޖަނަލް އެސޯސިއޭޝަންތަކާއި އިންޓަސްކޯލާ ކުޅިވަރު އެސޯސިއޭޝަންތައް ގާއިމުކުރުމަށްވެސް މަސައްކަތް ފެށުމަކީ ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކުޅިވަރުތަކުން ހޯދާފައިވާ ކާމިޔާބީތަކުގެ ތަފްސީލު އާއްމުކޮށްފައިވާ އިރު، ހޯދި މެޑަލްތަކާއި ކާމިޔާބީތައް ފާހަގަކޮށްފައިވެއެވެ. ރާފިއު ވިދާޅުވީ ހިދުމަތްތެރީންގެ އަގު ވަޒަންކޮށް، ކާމިޔާބީތައް އަރުޝީފުކުރަން ފެށުމަކީ އަންނާން އޮތް ޖީލުތަކަށް މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.
ރޭގެ ހަފުލާގައި ކުރިން ކުޅިވަރާ ބެހޭ ވަޒީރުކަން ކުރެއްވި ފަރާތްތަކަށް ހާއްސަ އެވޯޑެއް އަރުވާފައިވެއެވެ.
ރޭގެ އިވެންޓްގައި އަގުވަޒަންކުރި ކުޅިވަރުގެ ވަޒީރުން
1. ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ، އަލްމަރުހޫމް އުމަރު ޒާހިރު
2- ރާޝިދާ ޔޫސުފް
3- ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، ޑރ. މުހައްމަދު ޒާހިރު ހުސައިން
4- އިބްރާހިމް ހުސައިން މަނިކު
5- ހުސައިން ހިލްމީ
6- މުހައްމަދު ވަހީދުއްދީން
7- ޑރ. އާއިޝަތު ޝިހާމް
8- އަލްއުސްތާޒް ހަސަން ލަތީފް
9- މުހައްމަދު ހުސައިން ޝަރީފް
10- މުޙައްމަދު މަލީހް ޖަމާލް
11- އަހުމަދު ޒުހޫރު
12- އިރުތިޝާމް އާދަމް
13- އަހުމަދު މަހުލޫފް
މުޙައްމަދު ޝަމްޢޫން
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު