"މެންގްރޯވް އައިލެންޑް"ގެ ކޮންސެޕްޓުގައި ނ. ކެނދިކުޅުދޫގައި އިކޯ ޓޫރިޒަމް ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ކެނދިކުޅުދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށްޓަކައި ރަށުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ.

އިކޯ ޓޫރިޒަމްގެ ދާއިރާއިން ރަށަށް އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް އަދި އެ މަނިކުފާނު ވައުދުފުޅެއް ކަމަށާއި އެކަމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން މަސައްކަތްކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޖުމުލަކޮށް ރައްޔިތުން ބޭނުންވާ ކަންތައްތައް، އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވައުދުވީ ގޮތަށް ކޮށްދިނުމުގައި މަގުފަހިކުރުމުގެ ކަންތައްތައް އެބަކުރަން. އިރާދަކުރެއްވިއްޔާ މި ރަށުގައި މިއޮތް ނެޗުރަލް ބިއުޓީ، މެންގްރޫވް އައިލެންޑުގެ ގޮތުގައި ތިބޭފުޅުން ތަރައްގީކުރުމުގައި ތި ކުރައްވާ މަސައްކަތް، ބްރޭންޑުކޮށްގެން ކުރާ މަސައްކަތަށް ސަރުކާރުގެ ފަރާތުން އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އީޖާބީގޮތެއްގައި ޕޮޒިޓިވްކޮށް އަޅުގަނޑުމެން މަސައްކަތްކޮށްދޭނަމޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެނދިކުޅުދޫ ރައްޔިތުން އެދޭ ކޮންސެޕްޓުގައި އެ ރަށުގައި އިކޯ ޓޫރިޒަމް ކުރިއަށްގެންދިއުމަށް ކޮންމެވެސް މަގެއް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އެކަމަށް ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

"މީގެ ފައިދާ ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިގޮތަށް މިކަހަލަ ނެޗުރަލް އެންވަޔަމަންޓް ހުރި ރަށްރަށުގައި ބޭނުންވާނެ. އެހެންވީމާ ހުރިހާ ކަމަކަށް ވެސް ވިސްނައިގެން، ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ރައްޔިތުން، ހުރިހާ ރަށެއްގައި ވެސް އުޅެނީ ދިވެހި ރައްޔިތުން. އެހެންވީމާ ސަރުކާރުން ކަމެއް ކޮށްދޭ އިރުގައި، ބަލަންޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކެނދިކުޅުދޫގެ ރައްޔިތުން ބޭނުންވާ އިކޯ ޓޫރިޒަމްގެ މަސައްކަތްކޮށްދީ، ރަނގަޅު ގޮތެއް ހޯދައިދެވޭނެ ކަމަށެވެ.