ނ. ކެނދިކުޅުދޫގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ ނ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ކެނދިކުޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ކެނދިކުޅުދޫ ކައުންސިލް އިދާރާގައި ބޭއްވި އެ ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ކެނދިކުޅުދޫގައި އާރުޓީއެލް ބަހުގެ ހިދުމަތްދޭން ފެށުމުން އުފާކުރާ ކަމަށް އެ ރަށު ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށެވެ.

ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ސްކޫލްގެ މަޝްރޫއުގެ އިތުރުން އަލަށް މީހުން އާބާދުވި ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދިނުމާއި ފެނާއި ނަރުދަމާގެ މަސައްކަތް އަވަސް ކުރުމަށްވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެ ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ އެ ރަށުގައި އާރުޓީއެލް ބަހުގެ ހިދުމަތް އިފުތިތާހުކޮށްދެއްވައިފައެވެ.

ކައުންސިލު އިދާރާގައި ބޭއްވި ބައްދަލުވުމަށްފަހު ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސިއްހީ ހިދުމަތާއި ފެނާއި ނަރުދަމާގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.

ރައީސް ވިދާޅުވީ ކެނދިކުޅުދޫ ސިއްހީ މަރުކަޒަށް ދާދިފަހުން ވެސް އިތުރު މުވައްޒަފުންތަކެއް ނަގާފައިވާ ކަމަށާއި އޭގެ އިތުރަށް ވެސް މުވައްޒަފުން އިތުރުކުރައްވާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް އެމްބިއުލާންސް އިތުރުކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި މިހާރު ފައިސާ ހަމަޖައްސަވާފައިވާނެ ކަމަށާއި އެ މަސައްކަތް ދާދި އަވަހަށް ނިމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ސްކޫލު މަޝްރޫއު ވެސް ނިމުމަކާ ހަމައަށް އައިސްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.