ސަރުކާރުން ފޯރުކޮށްދީފައިވާ ލޯނު ސްކީމްގެ ދަށުން ސްޕެއިންގެ "އީއޭއެސް ބާސެލޯނާ" އަދި "ފްލައިބައި"ގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.
އެކަން ހައްލުކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކޮށް އެ ސިޓީ ފޮނުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އެ ސިޓީގައި މެންބަރު ކުޑޫ ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލައިގައި މިދިޔަ އޭޕްރިލް 15ގައި މަޖިލީހަށް ޕެޓިޝަނެއްވެސް ދަރިވަރުންގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
އެ މައްސަލައަށް މަޖިލިސް މެދުވެރިކޮށް ހައްލެއް ހޯދައިނުދެވި ވަނިކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު، މެއި 7 ގައި ޒޫމް މެދުވެރިކޮށް އެ ދަރިވަރުނާ ވާހަކަދައްކަވައި އެ ކުދިންނަށް ދިމާވެފައިވާ މައްސަލަތަކަށް ވީހާވެސް އަވަހަކަށް ހައްލު ހޯއްދަވަައިދެއްވައި އަދި މަސައްކަތް ކުރިއަށްދާ ވަރަކަށް އަޕްޑޭޓު ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް އައިއިރު މިނިސްޓަރު ވިދާޅުވި އެއްވެސް ކަމަކަށް އަމަލީ ސިފަ ނާންނަ ކަމަށެވެ. އަލަށް ހުށަހެޅި ސްޓޫޑެންޓް ލޯނުތައް އަދި ޓޮޕްއަޕް ލޯނުގެ އެއްވެސް ހަބަރެއް އަންގާފައިނުވާ ކަމަށާއި ކިޔެވުމުގެ އާ އަހަރު ފެށޭއިރު ދަރިވަރުންނަށް ލޯނު ލިބޭކަމެއް ނުވަތަ ނުލިބޭ ކަމެއްވެސް ސާފުނުވާ ކަމަށެވެ.
އޭގެ އިތުރުން ޔޫރޯ ފައިސާގެ ރޭޓު މަތިވަމުންދާ ކަމަށާއި ދަރިވަރުންނަށް އެ މައްސަލައިގައިވެސް ހައްލެއް ނުލިބޭ ކަމަށެވެ. އެގޮތުން ބީއެމްއެލް ކާޑު މެދުވެރިކޮށް ޔޫރޯއިން ހަދާ ކޮންމެ ޕޭމަންޓަކަށް 10 ޕަސަންޓު އިތުރަށް ނަގަމުންދާ ކަމަށެވެ.
ލޯނު މައްސަލައަށް ހައްލެއް ނުލިބި، ކޯހަށް ފައިސާ ނުދެއްކިގެން ބައެއް ކުދިން ކޯސްތަކުން ވަކިކޮށްފައިވާކަންވެސް ކުޑޫގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މިއަދާ ހަމައަށް އައި އިރު، ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމާ ގުޅޭ އެފަދަ ހައްސާސް މައްސަލައަށް މަޖިލިސް މެދުވެރިކޮށް ހައްލެއް ހޯދައިނުދެވުމަކީ މަޖިލީހާ މެދު އާންމުންގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށެވެ.
"މީގެ އިތުރުން ސަރުކާރުގެ ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ވަޒީރު ޑރ އަލީ ހައިދަރު އަހްމަދުވެސް އެ ދަރުވަރުން ނާއުންމީދުގެ ތެރެއަށް ވައްޓާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ދެކެމެވެ..،" އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އާއިޝަތު މާހާ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި