ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. މާފަރުގެ ފެނާއި ނަރުދަމާ ނިޒާމު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ.

ރައީސް، އެ މަޝްރޫއު އިފުތިތާހުކޮށްދެއްވާފައިވަނީ ނ. އަތޮޅުގެ ރަށްރަތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ނ. މާފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނި 15 ނޮވެމްބަރު 2020ގައެވެ.

އެ މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 94.4 މިލިއަން ރުފިޔާއަށް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެ މަޝްރޫއުގެ ދަށުން ވިޔުގަ އެޅުމާއި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕު ސްޓޭޝަން ގާއިމްކޮށްފައިވެއެވެ. އަދި ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް، ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅާފައިވެއެވެ.