ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ މި ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ. އެއީ ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލު ބައްލަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

‎މި ދަތުރުފުޅުގައި ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވާނެއެވެ. އަދި ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް މަސައްކަތްތައް ވެސް ރައީސް ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

‎ހަތަރު ދުވަހަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، ރައީސް މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.