ހުޅުމާލެއަށް އައި ވިލާގަނޑުގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މެޓް އޮފީހުން މިއަދު ބުނީ ތިހުން ފެށިގެން ހުޅުމާލެއަށް އައި ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށެވެ.

ވިލާގަނޑުގައި ހުޅުމާލެއަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން އެ ކޮޅިގަނޑުގެ ތެރޭގައި ހުޅުމާލެ ފިތުރޯނު މަގުގައި، ވަން އެވެނިއު ކުރިމައްޗަށް އަދި އޯޝަން ފްރޮންޓް ކުރިމަތީ ހުރި ބޮޑު ފިތުރޯނު ގަހެއް މުލުން ލުހިގެން ވސައިކަލުތަކުގެ މައްޗަށް ވަނީ ވެއްޓިފައެވެ.

18 ޖުލައި 2025، ހުޅުމާލެ، ވިލާ ގަނޑުގައި ހުޅުމާލޭގެ ފިތުރޯނު ގަހެއް ވެއްޓިފައި --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އޭގެ އިތުރުން ހުޅުމާލެ ފޭސްދޭއްގެ ބަސް ސްޓޮޕްއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އަދި ވިލާގަނޑުގައި ގިނަ ސައިކަލުތަކެއް ވެއްޓިގެން ވެސް ގެއްލުން ވެފައިވެއެވެ.

ހުޅުމާލެއަށް 52 މޭލު ބާރުމިނުގައި ވައި ޖެހިފައިވާ އިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ބާރަށް ވައިޖެހިފައިވަނީ ފ. ނިލަންދޫއަށެެވެ. އެއީ 61 މޭލުގެ ބާރުމިނުގައެވެ. ބ. ދަރަވަންދުއަށް 58 މޭލުގެ ބާރު މިިނުގައި ވައިޖެހިފައިވާ އިރު، ހދ. ހަނިމާދުއަށް ވަނީ 54 މޭލުގެ ބާރުމިނުގައި ވައި ޖެހިފައެވެ.

18 ޖުލައި 2025، ހުޅުމާލެ، ވިލާ ގަނޑުގައި ހުޅުމާލޭގެ ފިތުރޯނު ގަހެއް ވެއްޓިފައި --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވަނީ އުތުރާއި މެދުރާއްޖެ ތެރެއަށެވެ.

މެޓުން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ވެސް މިއަދު ނެރެފައިވެއެވެ.