ހުޅުމާލެ ދެވަނަ ފޭސްގައި ހުންނަ ވިނަރެސް ފްލެޓުގެ ޓަވަރަކުން ވެއްޓި އުމުުރުން 18 އަހަރުގެ ޒުވާނަކު މަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި އުމުރުން 18 އަހަރުގެ އެ ކުއްޖާ ވެއްޓުނީ ވިނަރެސް ފްލެޓުތަކުގެ 8 ވަނަ ޓަވަރުންނެވެ. އޭނާ ވެއްޓުނީ ކޮން ފްލޯއަކުން ކަމެއް ހާމައެއް ނުކުރެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ މައުރޫފް މިއަދު "ވަން"އަށް ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހަވީރު 4:30 ހާއިރު ކަމަށެވެ. އަދި ގެނައިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.

"މިކޮޅަށް ގެނައިރުވެސް ޕޭޝަންޓުގެ އެއްވެސް ރެސްޕޮންސެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވީ. މިހާރު ޑެތު ކޮންފާމް ކޮށްފަވަނީ،" މައުރޫފް ވިދާޅުވިއެވެ.

މަރުރޫފް ވިދާޅުވީ އެމީހާއަށް އެކިވަރުގެ އަނިޔާ ލިބިފައި ހުރިކަން ބޭރުފުށުން ފެންނަން ހުރި ކަމަށާއި އެހެންކަމުން ސީޓީ ސްކޭންތަކާއި އެހެނިހެން ޓެސްޓުތައް ހަދައި، ލިބިފައި ހުރި އަނިޔާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އޭނާ ވެއްޓުނީ ހަތްވަނަ ފަންގިފިލާ އިންނެވެ. އޭނާ ވެއްޓުމާއެކު މޫނު ޖެހުމުން، މޫނުމައްޗަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިނަރެސް ފްލެޓް އިމާރާތަކުން ވެއްޓި މިއަދު މަރުވި ޝިއާން ހަބީބުގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކޮށް، ތައުޒިޔާ ދަންނަވާ ކަމަށެވެ.

"މަރްހޫމް ޝިއާން ހަބީބު، މާތްﷲގެ ތަނަވަސް ރަހުމަތުގައި ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން." ރައީސްގެ ތައުޒިޔާގެ މެސުޖުގައި ވިދާޅުވިއެވެ.