ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ ސަލާމަތީ ނިޒާމުތައް ޓެސްޓްކޮށް އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުންކުރުމުގެ ހުއްދަ ދިނުމަށްޓަކައި ކުރިއަށް ގެންދާން ޖެހޭ އިންސްޕެކްޝަންތައް ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ޑިވިޝަނުން އިއްޔެ ފަށައިފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ސަލާމަތީ ނިޒާމުތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ އެމްއޭސީއެލް އާ ގުޅިގެން ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތަށް ނިޒާމީ ގޮތެއްގައި ތަފާތު ބައިތަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ޓާމިނަލްގެ އެކްސެސް ކޮންޓްރޯލް އަދި ސީސީޓީވީ ނިޒާމު ބަލައި ޓެސްޓްކޮށްފައިވާ ކަމަށް ބުންޏެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ގާއިމުކޮށްފައިވާ ހޯލްޑް ބެގޭޖު ސްކްރީނިން އަދި ބެގޭޖް ހޭންޑްލިން ސިސްޓަމްގެ ޓެސްޓް ކުރުމަށްޓަކައި ބެގެޖް ސްކްރީނިން ޓްރަޔަލް ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ގާއިމުކޮށްފައިވާ އެހެނިހެން އިކުއިޕްމެންޓްތައް ޓެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ޓާމިނަލްގައި ގާއިމު ކޮށްފައިވާ އިކުއިޕްމެންޓްތަކާއި އެކްސްސް ކޮންޓްރޯލް ނިޒާމާއި ސީސީޓީވީ ނިޒާމު ބޭނުންކުރުމުގެ އެސްއޯޕީތައް ރިވިއުކޮށް ހުއްދަ ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، މި މަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.
އާ ޓާމިނަލްގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. އާ ޓާމިލަކަށް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ އާ ޓާމިނަލަކީ ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ޓާމިނަލެއް ކަމަށާއި އެ ޓާމިނަލް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތިކަމާއި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
ޖުމުލަ 72،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލުގައި 47 ޗެކް-އިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް އަދި އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ