ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު އެކަމުގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭ މައްސަލައިގައި، ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިސްވެރީންނާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަތަކުގައި ފިޔަވަޅު ނޭޅޭ ކަމަށް ބުނެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އެ މައްސަލަ ހުށަހަޅައި ކުޑޫ ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1101 އެކްސިޑެންޓު ހިނގާފައިވާ ކަމަށެވެ. މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އިތުރުން ގުނަވަންތައް ނެތިގޮސް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ތަހައްމަލުކުރަން ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- (ފޮޓޯ/ މަޖިލިސް)

"މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ގާނޫނީ ގޮތުން ދައުވާ ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލްއަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ އާއި އެކަމާ މެދު ރައްޔިތުންގެ މަޖިލީހުން ކޮށްދެވޭނީ ކޮންކަމެއްތޯ ބެލުމަކީ ގާނޫނު ހަދާ މަޖިލީހުގެ ޒިންމާއެއް ކަމަށްވީ ހިނދު، މިކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ކަމާބެހޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މިކަމާ ގުޅުން ހުރި ކޮމެޓީއަށް ހާޒިރުކޮށްދެއްވައި މިކަމުގައި ހޯދެން އޮތީ ކޮން ހައްލެއްތޯ ބައްލަވައިދެއްވުން އެދި ދެންނެވީމެވެ." ކުޑޫގެ ސިޓީ ނިންމަވައިލައްވަމުން ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އެކްސިޑެންޓުތައް މަދުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަންތައްތަކާއި، ކުރާން ގަސްތުކޮށްފައިވާ ކަންކަން އޮޅުން ފިލުވުމަށް އެ ފަރާތްތައް މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް ހާޒިރުކޮށްދިނުމަށްވެސް ކުޑޫވަނީ ހުށަހަޅުއްވައިފަ އެވެ.

ސާފުކުރަން ބޭނުންވާ ކަންކަމުގެ ގޮތުގައި ކުޑޫ ފާހަގަކުރައްވައިފައިވާ ކަންކަން:

  1. ވޭތުވެދިޔަ އަދި މިހާރުގެ ނާކާމިޔާބުތަކަށް ޒިންމާދާރުވުން
  2. މަދުކުރުމާއި ހައްލުކުރުމުގެ ސްޓްރެޓެޖީތައް
  3. ތަންފީޒުކުރުމުގެ ގޮންޖެހުންތައް
  4. އެންމެ ރަނގަޅު އުސޫލުތަކަށް ތަބާވުމާއި ރާއްޖެއާ ގުޅޭ ގޮތް
  5. ފަންނީ ހުނަރާއި ގާބިލުކަން

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކު މިދޔަ އާދިއްތަ ދުވަހުގެ ރޭ ވެސް ވަނީ މަރުވެފަ އެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރީންކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެ އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖަކަށް އަދި 40 އަހަރުގެ މީހަކަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. 40 އަހަރުގެ މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.