ފަންނާނުންނަށް ދައުލަތުގެ ބަޖެޓުން ދޭން ނިންމާފައިވާ 25 މިލިއަން ރުފިޔާގެ ހިލޭ އެހީ، އަންނަ މަހުން ފެށިގެން ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ފަންނާނުންނަށް ހިލޭ އެހީ ދެއްވަން މަސައްކަތް ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރު ޖުލައި މަހު، އާޓް ގެލަރީގައި ބޭއްވި "އަންވެއިލިން ވިޝަން 2024" އެގްޒިބިޝަން ބައްލަވައިލެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މިއަަހަރު، ދައުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދޫކުރަން ހަމަޖައްސަވާނެ ކަމަށެވެ.

ޕީއެސްއެމްއިން ކުރިއަށްގެންދާ "އަހާ ފޯރަމް"ގައި އެކަމާ ގުޅޭގޮތުން މީހަކު ރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެކަމުގެ މަސައްކަތްތައް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާ ގުޅިގެން ކުރިއަށްގެންދާ ކަމަށާއި އުންމީދަކީ އަންނަ މަހުން ފެށިގެން ފަންނާނުންނަށް އެ ފައިސާ ދޭން ފެށުން ކަމަށެވެ. އެކަމަށްޓަކައި ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް، އެދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާގެ ފުރަތަމަ ބެޗު ފަށަން އުންމީދުކުރަނީ އޮގަސްޓުގައި. އެކަމަށް އުސޫލުތައް ތައްޔާރު ކުރެވިއްޖެ. އެކަން މިކުރަނީ ޕޯޓަލްއެއް މެދުވެރިކޮށް. ޕޯޓަލް ހެދުމަށް ވަގުތުކޮޅެއް ނަގާނެ. އޭގަ ހުންނަ ބަގްސް އަޅުގަނޑުމެން ފިލުވަން ޖެހޭނެ. ޓެސްޓު ކުރަން ޖެހޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އޮލިމްޕަސް ވެސް މިވަގުތު ފަންނާނުންނަށް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އޭގެ އިތުރުން މިއަހަރުގެ ތެރޭގައި ޕްރޮޑަކްޝަން ހައުސް ހުޅުވާލައި، ފަންނާނުންނަށް އެތަނުގެ ބޭނުން ހިފޭނެ ގޮތަށް އެތަން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލީ އެހީތެރިކަން ދޭނެ އުސޫލުތައް ކަނޑައަޅާފައިވަނީ މަޝްވަރާއާއެކުގައި ކަމަށާއި، ފަންނާނުންނަށް އެންމެ ރަނގަޅު ގޮތެއްގައި ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.