ފޭކް މުދަލެއް ވިއްކައިފިނަމަ ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އަހުމަދު ޒާހިރުއެވެ.

ޓްރޭޑްމާކް ރަޖިސްޓްރީކުރުމާ ގުޅޭ ނިޒާމެއް ގާއިމުކޮށް، އެކަމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ އެ ބިލުގައި ޓްރޭޑްމާކްގެ ވެރިފަރާތަކަށް ލިބޭ ހައްގުތަކާއި އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ.

އެ ބިލުގައިވާ ގޮތުން، ޓްރޭޑްމާކް ރަޖިސްޓްރީ ކުރެވޭނީ ދިހަ އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އިތުރު ދިހަ އަހަރަށް މުއްދަތު އިތުރު ކުރުމުގެ އިހުތިޔާރު އޮންނާނެއެވެ.

ބިލުގައިވާ ގޮތުން ޓްރޭޑްމާކްގެ ހައްގަށް އަރައިގެންފި ނަމަ އެފަދަ މައްސަލައަކާ ގުޅުންހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

މީގެ އިތުރުން އެ ބިލްގައި ވަނީ، ރާއްޖޭގައި ކައުންޓަފީޓް މުދާ އުފެއްދުމާއި އެތެރެކުރުމާއި ވިއްކުމާއި އަދި ބޭރުކުރުން މަނާކޮށް އެ ފަދަ ކަމެއް ކުރާ ނަމަ 100,000 ރުފިޔާއިން ފެށިގެން 2,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަން ހިމަނައިފައެވެ.

ޓްރޭޑްމާކާ ގުޅޭ ބިލް ފާސްވެ، ރައީސް ތަސްދީދުކުރެއްވުމުން މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓަރީ ނުވެއްޖެނަމަ އެ ޓްރޭޑްމާކް އުވާލާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.